ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހުގެ ރޭ ގެޓަފޭއާއި ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ ގެޓަފޭގެ މައްޗަށް ކުރިހޯދީ1-2 ގެ ނަތީޖާއިންނެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނަގާފައިވަނީ ބާސެލޯނާއިންނެވެ. މެޗުގެ ވަރަށް ކުރީ ކޮޅު ބާސާއިން ލަނޑު ޖަހާ ލީޑުނެގިއިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ ޖޯޑީ އަލްބާގެ އެހީތެރިކަމާއި އެކު ސާޖިއޯ ރޮބާޓޯއެވެ.
ބާސާއިން ލަނޑު ޖަހާ ލީޑު ނެގި ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ގެޓަފޭއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ގެޓަފޭއަށް ކާމިޔާބު ކޮށްދިނީ ސަންޑްރޯ ރަމިރޭޒްއެވެ. ބާސާއިން މެޗުގެ ލީޑު ނެގި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބު ކުރިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މި ޓްރާންސްފާގައި އެޓީމާއި އަލަށް ގުޅުނު މެމްފިސް ޑިޕާއީއެވެ. މިއީ ޑިޕާއީ މިފަހަރުގެ ސީޒަނުގައި ބާސެލޯނާއަށް ކާމިޔާބު ކޮށްދިން ދެވަނަ ލަނޑެވެ.
ބާސާ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، މެޗުގެ ދެވަނަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުޖެހި 1-2 ގެ ނަތީޖާއިން ބާސާ ކުރީގައި އޮވެގެންނެވެ.
ލީގުގައި މިހާތަނަށް ބާސާ ތިން މެޗު ކުޅެފައިވާއިރު، ދެމެޗުން ވަނީ މޮޅުވެފައެވެ. އެއް މެޗުން އެއްވަރުވިއެވެ. އެހެން ކަމުން ލިބުނު ހަތް ޕޮއިންޓާއި އެކު ބާސާ ވަނީ ލީގުގެ ތިން ވަނައަށް ޖެހިލާފައެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ސެވިއްޔާއާއި އެކު ކުޅެން ހަމަ ޖެހިފައިވާ މެޗު ފަސްކުރުމުން ދެން ބާސާ ލީގުގައި މެޗެއް ކުޅޭނީ އަންނަ މަހުގެ ނަވާރަ ވަނަ ދުވަހުގައެވެ. އެ މެޗުގައި ބާސާ ބައްދަލުކުރާނީ ގްރެނާޑާއާއިއެވެ.
ނަމަވެސް އޭގެ ކުރިން ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ މެޗެއް ބާސާ ކުޅޭ ނެއެވެ. އެގޮތުން އަންނަ މަހުގެ15ގައި ބާސާ ނިކުންނާނީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބަޔާން މިޔުނިކާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް