އަފްޣާނިސްތާން ރައްޔިތުންނަށް ރާއްޖެއިން ވެވިދާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެ އެވެ.
އެޗްއާރްސީއެމް އިން ރައީސް ސޯލިހުގެ އަރިހުގައި އެދިފައިވަނީ އަފްޣާނިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ރާއްޖެއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށެވެ.
މިގޮތަށް އެ ކޮމިޝަނުން އެދުނީ މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި އަފްޣާނިސްތާނުގެ މި ވަގުތުގެ ހާލަތާ ގުޅިގެން ކޮމިޝަންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އަފްޣާނިސްތާނުގެ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކުގައި ވެ ދެއްވެން އޮތް އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ފޯރުކޮށްދިނުމަށް ކޮމިޝަނުން ސަރުކާރާއެކު ތިބިކަން ވަނީ ހާމަކޮށްފަ އެވެ.
އެ ބަޔާނެއްގައި ބުނީ އެ ގައުމަށް ދިމާވެފައިވާ ހާލަތާ މެދު، އަފްޣާނިސްތާނާއި ރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ފޯރަމް (އޭޕީއެފް) އިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
އެހެންވެ، އަފްޣާނިސްތާނުގެ އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާތަކުގެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކާއި އެ ގައުމުގެ ކުޑަކުދިންނާއި އަންހެނުންނާއި އާއްމުންނާއި އަފްޣާނިސްތާނުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދިވެހި ސަރުކާރަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް، އިންސާނީ ހައްގުތައް ނަގަހައްޓައި ރައްކާތެރި ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވަކިވަކިން ފޮނުވި ސިޓީފުޅުތަކުގައި އެދިފައިވާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
https://twitter.com/hrcmv/status/1431885306656002051
އަފްޣާނިސްތާނުގެ ސަރުކާރު ވެއްޓިފައިވަނި އެގައުމުގައި ތިބި އެމެރިކާގެ ސިފައިން އެ ގައުމުން ފޭބުމުން ތާލިބާނުންގެ ބާރުގަދަވުމުން މި މަހުގެ 15 ވަނަ ދުވަހު އެވެ.
އެކަމުގެ ސަބަބުން އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ މީހުން އެގައުމު ދޫކޮށް ދާން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުން ނެވެ. އަދި އެތައް ބަޔަކު ވަނީ ގޮސްފަ އެވެ.
އެ ގައުމަށް އެމެރިކާ ސިފައިން އެރީ ސެޕްޓެމްބަރު 2001 ގައި އެމެރިކާގެ ވަރލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާ އަށް ފަހު ޓެރަރިޒަމާ ދެކޮޅަށް އެމެެރިކާ އިން ހަނގުުރާމަ އިއުލާން ކުރުމާއެކުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް