އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ބައިނަލް އަގުވާމީ އެއާޕޯޓު ތޯލިބާނުންނާއި ހަވާލު ކުރުމުގެ މަސައްކަތް އެމެރިކާ އަސްކަރިއްޔާއިން ފަށައިފި އެވެ.
ތާލިބާނުންގެ އަތްދަށަށް އެ ގައުމު ދިއުމާއި އެކު އެމެރިކާއިން ވަނީ އަފްގާނިސްތާނުން ބޭރު ކުރަން ބޭނުންވާ މީހުން ބޭރުކޮށް ނިމެންދެން ކާބުލްގެ ކާމިދު ކަރުޒާއީ އިންޓަނޭޝަނަލް އެއާޕޯޓު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެ ގައުމުގައި ދިރިއުޅެމުންދިޔަ އެމެރިކާ އާއި އެހެން ގައުމުތަކުގެ އިތުރުން އަފްގާންގެ އެތައް ހާސް ރައްޔިތުންނެއް ގައުމުން ބޭރުކޮށްފައިވެ އެވެ.
އެމެރިކާ ސިފައިން އަފްގާނުން ފައިބާ ނިމޭނެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައި އޮތީ މިމަހުގެ ނިޔަަލަށެވެ. އެކަމަކު އެގައުމުން ބޭނުންވާ އެންމެ ގައުމުން ބަލާ ނުނިމޭނެތީ އެ މުއްދަތު އިތުރުކޮށްދިނުމަށް ތޯލިބާނުންގެ ކިބައިން އެދިފަވެ އެވެ.
ތޯލިބާނުން ވަނީ އެންމެ ދުވަހެއްވެސް އިތުރު ނުކޮށްދެވޭނެ ކަމަށް ތަކުރާރުކޮށް އަންގާަފަ އެވެ. އެހެންވެ އެމެރިކާއިން ވަނީ އެ އެއާޕޯޓު ތޯލިބާނުންނާއި ހަވާލު ކުރުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިހާރު ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެގޮތުން މިދިޔަ ހުކުރު ދުވަހު އެއާޕޯޓުގެ މައި ގޭޓު ތޯލިބާނުންނާއި ހަވާލުކޮށް އެމެރިކާ ސިފައިން އެތެރެއަށް ވަދެފައިވާ ކަމަށް އެމެރިކާ އަސްކަރިއްޔާއިން ބުނެ އެވެ. އަދި އެއާޕޯޓުގެ އެތެރޭގެ ބައެއް ސަރަހައްދުތައްވެސް ތޯލިބާނުންނަށް ދޫކޮށްލާފައިވާ ކަމަށްވެ އެވެ.
އެމެރިކާ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ކުރިންވެސް ތާވަލު ކުރެވިފައިވާ ގޮތަށް މިމަހުގެ 31 ގެ ނިޔަލަށް އެމެރިކާގެ ހުރިހާ ސިފައިން އަފްގާނުން ފައިބާ ނިންމާނެ އެވެ. އެމެރިކާ އަސްކަރިއްޔާއިން ބުނީ ތޯލިބާނުންގެ އަތްދަށަށް އަފްގާން ދިޔަ ފަހުން އެ ގައުމު ދޫކޮށްދާން ބޭނުންވި އަފްގާން ރައްޔިތުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި އެކު މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން އެގައުމުން ބޭރު ކުރެވިފައިވާ ކަމަށެވެ.
ގައުމުު ދޫކޮށްދާ އަފްގާން ރައްޔިތުންނަކީ ބިދޭސީ ސިފައިންނަށް މިދިޔަ .20 އަހަރު ވަޒީފާ އަދާކޮށްދީފައިވާ މީހުންނެވެ. އެމީހުންނަށް ޔޫރަޕްގެ ގައުމުތަކުން ރަށްވެހިކަމާއި ހިމާޔަތް ދޭއިރު ތޯލިބާނުންގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ބަދަލު ހިފާނެ ބަޔަކަށް ވަނީ ބިދޭސީ ސިފައިންނަށް ޖާސޫސްކޮށްދީ، ތަރުޖަމާނުންގެ ގޮތުގައި މަސައްކަތް ކޮށްދިން އަފްގާން ރައްޔިތުންނެވެ.
އެމެރިކާއިން ފަހުގެ މަސައްކަތްތައް ކުރަމުންދައިރު އަފްގާންގައި ތިބި މީހުންގެ ތެރެއިން އިނގިރޭސިވިލާތަށް ގެންދާ މީހުން ބޭލުމަށް ހިންގި އޮޕަރޭޝަން މިއަދު ވަނީ ނިންމާލާފަ އެވެ. އެގޮތުން މިދިޔަ 15 ވަރަކަށް ދުުވަަހުގެ ތެރޭގައި އަފްގާނުން 15،000 މީހުން އިނގިރޭސިވިލާތަށް ގެންގޮސްފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ 20 އަހަރު އެމެރިކާ ސިފައިންނަށް 20،000 އަފްގާން ރައްޔިތުން މަސައްކަތް ކޮށްދީފައިވާއިރު އެމެރިކާއިން ވަނީ އެމީހުންނާއި އާއިލާ ތަކާއި އެކު އެމެރިކާއަށް އެކަނި ލައްކައަކަށްވުރެ އަފްގާން ރައްޔިތުން ދިރިއުޅުން ބަދަލު ކޮށްދޭނެ ކަމަށް ވައުދުވެފަ އެވެ. އެކަމަކު ތާލިބާނުން މުއްދަތު އިތުރުކޮށް ނުދިނުމުން އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ވައުދުވެފައިވާ ގޮތަށް ބޭނުންވާ ހުރިހާ އަފްގާން ރައްޔިތުން ބޭލިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް