މީގެ ދެ ދުވަސް ކުރިން އިޓަލީގެ ޔުވެންޓަސްގެ ޖާޒީގައި ފެނިގެން ދިޔަ ސުޕަ ސްޓާރ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުރީގެ ލޯބިވާ ކުލަބު އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުން ވެގެން ދިޔައީ ދުނިޔޭގެ ފުޓްބޯޅައަށް ލިބުނު ކުއްލި ސިހުމަކަށެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ފިޔަޖަހަމުން އަންނަ ހުނަރުވެރި ފޯވާޑް އޭނާގެ ކުރީގެ ކުލަބު ޔުނައިޓެޑަށް ބަދަލުވެެފައިވާއިރު، ރޮނާލްޑޯ އަކީ މީގެ ކުރިން ޔުނައިޓެޑުގައި ރަސްކަން ކޮށްފައިވާ ކުޅުންތެރިއެކެވެ. 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމައަށް ރޮނާލްޑޯ ޔުނައިޓެޑުގައި ހޭދަކޮށްފައިވާއިރު، އޭނާ ވަނީ ޔުނައިޓެޑާއި އެކު މޮޅު ކުޅުމެއް ދައްކާ ގިނަ ބޮޑެތި ކާމިޔާބީތަކެއް ވެސް ކުލަބާއި އެކު ހޯދާފައެވެ.
ރޮނާލްޑޯ ޔުނައިޓެޑާއި ގުޅުމުން އެ ކުލަބުގެ ސަޕޯޓަރުން އަދިވެސް ދަނީ ޔުނައިޓެޑުގެ މަގުތަކާއި ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގައި އުފާ ފާޅުކުރަމުންނެވެ. އެ އުފާ ފާޅުކުރުމަށް ކުޑަވެސް ބަދަލެއް އަދިވެސް ނާދެއެވެ. ރޮނާލްޑޯ ޔުނައިޓެޑާއި ގުޅުމުން އެކަމުގެ އުފާ ފާޅުކުރަމުން ގެންދަނީ ހަމަ އެކަނި ޔުނައިޓެޑުގެ ސަޕޯޓަރުންނެއް ނޫނެވެ. ދުނިޔޭގެ މަޝްޙޫރު ގިނަ ބޮޑެތި ކުލަބުތަކުގެ ކުޅުންތެރިންވެސް ދަނީ އެކަމުގެ އުފަލުގައި ރޮނާލްޑޯއަށް މަރްހަބާގެ މެސެޖުތައް ފޮނުވަމުންނެވެ. ޚާއްޝަކޮށް ޔުނައިޓެޑުގެ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.
ރޮނާލްޑޯ ޔުނައިޓެޑާއި ގުޅުނު ހިސާބުން ޔުނައިޓެޑްގެ ކުޅުންތެރިންނާއި މެނޭޖްމަންޓުން ކުލަބާއި މެދު ދެކެމުން އައިގޮތް މުޅިން ބަދަލުވިއެވެ. އެގޮތުން މި ސީޒަނުގެ ޕްރިމިއާ ލީގު ތައްޓާއި އެމްޕިއަންސް ލީގު ތައްޓަށް ކުރާ އުންމީދު ބޮޑެވެ.
ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ ނިސްބަތުން ކުޑައަގަކަށް ވީނަމަވެސް ރޮނާލްޑޯ އޭނާގެ ކުރީގެ ލޯބިވާ ކުލަބާއި މެދު ކުރާ އުންމީދު ބޮޑެވެ. ދުނިޔޭގެ ނަމްބަރ ވަން ފުޓްބޯޅަ ލީގުގައި ރަނގަޅު ކުޅުމެއް ދައްކާ ދެވެނަ ފަހަރަށް ކުލަބަށް ކާމިޔާބީތައް ހޯދައިދިނުމަކީ ރޮނާލްޑޯގެ އެންމެ ބޮޑު އުންމީދައް ވަނީ ވެފައެވެ. ރޮނާލްޑޯ ބުނި ގޮތުގައި އޭނާ ޔުނައިޓެޑަށް ބަދަލުވީ މާ ގިނަ ލާރީތަކެއް ބޭނުންވެގެން ނޫނެވެ. ކުަލަބު ދެކެވާ ލޯތްބާއި ކުލަބުން އޭނާ ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.
ޔުނައިޓެޑުގެ ޖާޒީގައި ރޮނާލްޑޯ ކުޅޭ ފުރަތަމަ މެޗު ކުޅޭނީ ކޮން ދުވަހަކުން؟
ދިގު މުއްދަތަކަށް ފަހު ރޮނާލްޑޯ ޔުނައިޓެޑަށް އެނބުރި އައުމާއި އެކު އެންމެ ގިނަބައެއްގެ ހިތުގައި އުފެދޭނެ އެއް ސުވާލަކީ ޔުނައިޓެޑުގެ ޖާޒީގައި ރޮނާލްޑޯ ފެނިގެންދާނީ ކޮންއިރަކުންތޯ އުފެދޭ ސުވާލެވެ. 12 އަހަރަށް ފަހު ޔުނައިޓެޑަށް އެނބުރި އައިސް ރޮނާލްޑޯ އޭނާގެ ކުރީގެ ލޯބިވާ ކުލަބުގެ ޖާޒީގައި މެޗެއް ކުޅެލާތަން ބަލާލުމަކީ ގިނަ ބަޔަކު ބޭނުންވާނޭ ކަމެކެވެ. އެގޮތުން މިހާރުވެސް ގިނަ ބަޔަކު ތިބީ ޔުނައިޓެޑްގެ ޖާޒީގައި ރޮނާލްޑޯ ފެނިގެން ދާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ރޮނާލްޑޯ ޔުނައިޓެޑްގެ ޖާޒީގައި ފެނިގެން ދާނެ އެންމެ ފުރަތަމަ މެޗަކީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަ ޔުނައިޓެޑް ނިއުކާސަލްއާއި ދެކޮޅަށް ކުޅޭ މެޗެވެ. އެހެން ނަމަވެސް އެ މެޗުގައި ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފާނެތޯ ނުވަތަ ނޫންތޯ އަދި ސާފެއް ނުވެއެވެ.
ޔުނައިޓެޑްގައި ރޮނާލްޑޯ ބޭނުން ކުރާނެ ޖާޒީ ނަމްބަރަކީ ކޮބާ؟
މިއީ ވެސް ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ބޮޑު ސުވާލެވެ. ރޮނާލްޑޯގެ ރަން ދުވަސްވަރު ޔުނައިޓެޑުގައި އޭނާ ބޭނުން ކުރި ރަސްމީ 7 ނަމްބަރު ޖާޒީގައި ރޮނާލްޑޯ ފެނިދާނެ ބާވައެވެ. ޕްރިމިއާ ލީގުގައި ހެދިފައި އޮންނަ ޤަވައިދު ބުނާ ގޮތުން ކޮންމެ ފުޓްބޯޅަ ސީޒަނެއްވެސް ފެށުމުގެ ކުރިން ޖާޒީ ނަމްބަރުތައް އެ ނަމްބަރުތައް ބޭނުން ކުރާ ކުޅުންތެރިއަކަށް ރެޖިސްޓްރީ ކުރެވެއެވެ. އެގޮތުން މިފަހަރުގެ ސީޒަން މިހާރު ފެށިގެން ކުރިޔައްދާއިރު، ރޮނާލްޑޯ ކުރިން ޔުނައިޓެޑުގައި ބޭނުންކުރި އަދި ރޮނާލްޑޯ މިހާރުވެސް ބޭނުން ކުރަމުން އަންނަ އޭނާގެ ރަސްމީ 7 ނަމްބަރު ޖާޒީ ވަނީ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީއަށް ރެޖިސްޓަރ ކުރެވިފައެވެ.
އެހެން ކަމުން ކަވާނީ މިހާރު ބޭނުން ކުރަމުން އަންނަ 7 ނަމްބަރު ޖާޒީ މި ސީޒަނުގައި އިތުރު ކުޅުންތެރިއަކަށް ބޭނުމެއް ނުކުރެވޭނެއެވެ. ޕްރިމިއާ ލީގުގެ ޤަވައިދު ބުނާ ގޮތުން ސީޒަން ފެށުމަށްފަހު ކުޅުންތެރިއެއްގެ ޖާޒީ ނަމްބަރު އެހެން ކުޅުންތެރިއަކަށް ބޭނުން ކުރެވޭނީ އެ ކުޅުންތެރިއަކު ކުލަބު ދޫކޮށް ދިއުމުންނެވެ. އެހެން ކަމުން ކަވާނީ ބޭނުން ކުރަމުން އަންނަ 7 ނަމްބަރު ޖާޒީ މި ސީޒަނުގައި ރޮނާލްޑޯއަށް ބޭނުން ކުރެވޭނެ ގޮތެއް ނެތެވެ. ދެން ރޮނާލްޑޯ ބޭނުން ކުރަން ޖެހޭނީ ކުޅުންތެރިއަކު ބޭނުން ނުކުރާ ކޮންމެވެސް ނަމްބަރެކެވެ.
މިވަގުތު ޔުނައިޓެޑުގައި ރޮނާލްޑޯއަށް ބޭނުން ކުރެވެން އޮތީ 12 ،15 ،24 ،28 އަދި30 އިން ފެށިގެން މަތީ ނަމްބަރުތަކެވެ. މީގެ ތެރެއިން ރޮނާލްޑޯ ބޭނުން ކުރާނީ ކޮން ނަމްބަރެއްތޯ ބަލާއިރު، ރޮނާލްޑޯ ބޭނުން ކުރުން އެންމެ ގާތީ 28 ނަމްބަރު ކަމުގައި ރިޕޯޓުތަކުން ބުނެއެވެ. އެއީ ރޮނާލްޑޯ ސްޕޯޓްސް ލިސްބަންގައި ކުޅުނު އިރު ބޭނުންކުރި ނަމްބަރެވެ. އަނެއް ބައި ރިޕޯޓުތަކުން ބުނާ ގޮތުން ރޮނާލްޑޯ 77 ނަމްބަރު ބޭނުން ކުރުންވެސް އެކަށީގެން ވެއެވެ. އެއީ ރޮނާލްޑޯގެ ރަސްމީ ނަމްބަރު 7 އެކުލެވިގެންވާ ނަމްބަރަކަށް ވާތީއެވެ. ކޮންމެއަކަސް ރޮނާލްޑޯ ޔުނައިޓެޑްގައި ބޭނުން ކުރާނެ ޖާޒީ ނަމްބަރެއް އަދި ޔުނައިޓެޑުން ރަސްމީކޮށް ކަނޑައެއް ނާޅައެވެ.
ކަން މިހެން ހުރި ނަމަވެސް ޕްރިމިއާ ލީގުގެ ޤަވައިދު ބުނާ ގޮތުން ޕްރިމިއާ ލީގު ފިޔަވައި ދެން ހުރި މުބާރާތްތަކުގައި ރޮނާލްޑޯއަށް 7 ނަމްބަރު ޖާޒީ ބޭނުން ކުރެވިދާނެއެވެ. އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯއަށް އޭނާގެ ރަސްމީ ޖާޒީ ނަމްބަރު ބޭނުން ކުރެވުމުގެ ފުރުސަތު އެބަ އޮތެވެ. އެހެން ކަމުން ޗެމްޕިއަންސް ލީގު މެޗުތަކުގައި ރޮނާލްޑޯ އޭނާގެ ރަސްމީ 7 ނަމްބަރު ޖާޒީ ބޭނުން ކޮށްފާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް