އިސްލާމް ކިޔަވައި ދިނުމާއި ގުޅޭގޮތުން އަފީފު ހެއްދެވި ދޮގުތައް އެޑިއުކޭޝަން މިނިސްޓަރު ހުއްޓުވައިފި

އިސްލާމް މާއްދާ ކިޔަވައި ދިނުމާއި ގުޅޭގޮތުން ވިލުފުށީ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީގެ މުގައްރިރު ހަސަން އަފީފު ދެއްކެވި ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ. ރ...

29 Aug 2021 | 12:43

އިސްލާމް މާއްދާ ކިޔަވައި ދިނުމާއި ގުޅޭގޮތުން ވިލުފުށީ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީގެ މުގައްރިރު ހަސަން އަފީފު ދެއްކެވި ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އަފީފް ވިދާޅުވީ ދަރިވަރުން ހަރުކަށި ފިކުރަށް ދިއުން ހުއްޓުވަން އިސްލާމް މާއްދާ ކިޔަވައި ދޭނެ ޓީޗަރުން ރާއްޖެއިން ބޭރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ ކޮމެޓީގެ މެންބަރުން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއެކު ބޭއްވެވި ބައްދަލުވުމުގައި ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރިފައި އޮތް މިންވަރާމެދު ވާހަކަ ދެކެވިފައިވާ ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޓީން މިނިސްޓަރާއި ބައްދަލުކޮށް، އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. މިނިސްޓްރީން ބުނީ އިސްލާމް މާއްދާގެ މުގައްރަރު ތައްޔާރު ކުރެވިފައިވަނީ ދިވެހި ބަހުން ކަމަށްވެފައި އަދި އެ މާއްދާ ކިޔަވައި ދެއްވުމަށް ތަމްރީނު ކުރެވިފައިވާ، ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ދިވެހިރާއްޖޭގައި ތިއްބެވުމުން އިނގިރޭސި ބަހުން އެ މާއްދާ ކިޔަވައިދިނުމަށް މި މިނިސްޓްރީ ން ވިސްނާފައި ނުވާ ކަމުގައި މެމްބަރުންނަށް ދެންނެވި ކަމަށެވެ.

މީގެ އިތުރުން އެ މާއްދާ ކިޔަވައިދިނުމަށް ބޭރު ގައުމުތަކުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް އެޑިއުކޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަފީފު ރޭ ވިދާޅުވީ މިހާރުވެސް ޕްރިވެންޝަން ޕްރޮގްރާމްތަކާއި ކްރިޓިކަލް ތިންކިން އަދި އެކަކު އަނެކަކަށް އިހުތިރާމް ކުރަން ދަސްކޮށް ދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަފީފު ވިދާޅުވި ގޮތުގައި މިހާރުވެސް ސުކޫޫލުތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން ތިބިކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް