ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގައި ފުށް އުފައްދާ ބަންދު ކުރާ ކާރުޚާނާއެއް އަޅަން ބިން ހޯދަން ފަށައިފި އެވެ.
އެ ކުންފުނިން ބުނާ ގޮތުގައި މި ތަނަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމުގެ ގޮތުން ރޯ ގޮދަން ރާއްޖެ ގެނެސް، ފުށް އުފައްދާ ބަންދު ކުރާ ތަނެކެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، މި ބިން ހޯދަނީ މާލެ ސަރަހައްދުން ކަަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި މިކަން އިއުލާން ކުރައްވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ހުސެއިން އަމްރު ވިދާޅުވީ, ރާއްޖޭގައި ގޮދަން ފުށް ތައްޔާރުކުރާ ފެކްޓަރީއެއް ގާއިމް ކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރަމުންދާ ކަމަށެވެ.
"މިފަދަ ފެކްޓަރީއެއް ކާމިޔާބު ކަމާއެކު ރާއްޖޭގައި ގާއިމު ކުރެވިއްޖެނަމަ، ކާޑުގެ ބާވަތްތައް ހުސްވިޔަނުދީ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ އިތުރުން، ކާޑު އެތެރެކުރުމަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަން ފާހަގަކުރަން،" އަމްރު ވިދާޅުވި އެވެ.
އެސްޓީއޯއިން ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ ގިނަ މަސައްކަތްތަކުގެ ތެރެއިން ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ގަތުމަށް އެގްރިސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.
ދަނޑުވެރިން ރާއްޖޭގައި އުފައްދާ ތަކެތި ގަތުމަށްފަހު އެތަކެތި މާކެޓްކޮށް ވިއްކުމުގެ މަސައްކަތް ކުރުމަށް މި ސެންޓަރު ހުޅުވާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ.
"މި ސެގްމަންޓުގެ ބޭނުމަކީ ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް، އެ ފަރާތްތަކަށް މާކެޓް ޕްލެޓްފޯމެއް ހޯދައިދިނުން." އަމްރު ވިދާޅުވި އެވެ.
މިހާރު އެގްރިސެންޓަރުގެ މަސައްކަތް ފަށައިގެން ކުރިޔަށްދާއިރު، ދަނޑުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ސެންޓަރުން ބުނެ އެވެ.
އޭގެ ތެރެއިން ބައެއް ޕްރޮޑަކްޓުތައް އެ ސެންޓަރުން މިހާރު ވަނީ ވިއްކަން ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް