މި ސަރުކާރުން އަދި ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ތަޢުލީމީ ދާއިރާއަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން އަތްމަތީ ފޮތް އިފްތިތާޙުކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ނެވެ.
ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަލްޓިޕަރޕަސް ހޯލުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ސްކޫލުގައި ހުރިހާ ކުދިންނަށްވެސް ކިޔެވޭނެ މަގުފަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.
އެކަމަށްޓަކައި މިހާރުވެސް ސަރުކާރުން ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީގެ ދާއިރާއިން ރާއްޖޭގެ އެކި ރައްރަށަށް އަމާޒުކޮށްގެން ހިލޭ ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ. އަދި ރާއްޖޭގެ ހުރިހާ ފަރާތްތަކުން ވެސް މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ސަރުކާރުން މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރެއްވުމުގެ މަސައްކަތްކުރިއަށް ގެންދަވާކަން ވެސް ފާހަގަ ކުރައްވާފަ އެވެ. އަދި މި ސެންޓަރުގެވެސް އަމާޒަކީ އެ ދާއިރާއިން ބޭނުންޖެހިފައިތިބި ކުދިންނަށް އިތުރު ތަމްރީނާއި ފަރުވާއާއި މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ މި ސަރުކާރުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް