ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތަކަށް ސައުދީގެ ވަފުދެއް އަތުވެއްޖެ

ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތަކަށް ސައުދީ ސަރުކާރުގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ސަލްމާން މިސްކިތް ހ...

29 Aug 2021 | 10:11

ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތަކަށް ސައުދީ ސަރުކާރުގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާ ކުރިއަށް ގެންދިއުމަށް ސައުދީގެ ވަފުދެއް ރާއްޖެ އައިސްފައި ވާކަމަށެވެ.

މަބްރޫކް ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނީ މާދަމާ ކަމަށެވެ.

ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ފަސްބުރީގެ ސަލްމާން މިސްކިތް ނުހުޅުވި ލަސްވާތީ އެކަމުގައި އިދިކޮޅުގެ ކަންބޮޑުވުން ބޮޑެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިސްކިތް ނުހުޅުވި ލަސްވަނި ސައުދީން އެކަމުގައި ތާރީހެއް ނުލިބިގެންކަމަށެވެ.

ސައުދީ ސަރުކާރުގެ އެހީ ލިބިގެން މާލޭގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

މީގެ ހަތަރު މަސް ކުރިން ވެސް މަސައްކަތުގެ މީހުންގެ ގޮތުގައި 10 މުވައްޒަފުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކުރި އެވެ. ނަމަވެސް އެ މިސްކިތް ހުޅުވުން ލަސްވަމުން ދިއުމާ އެކު އެ ފަހަރު އެއްވެސް މުވައްޒަފަކު ނަގާފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މުވައްޒަފުން ހޯދި ނަމަވެސް މިސްކިތް ހުޅުވާނެ އިރެއް އަދިވެސް ނޭނގެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ސަރުކާރުން ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްގެން އިމާރާތްކޮށްފައިވާ އެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތްތައް ނިންމާލިތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި އެ މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މި ސަރުކާރުން ބުނެފައި ވެ އެވެ.

މިސްކިތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވިއަސް، ރަސްމީކޮށް ނުހުޅުވި ލަސްވަނީ ސައުދީ އަރަބިޔާގެ އިސް ބޭފުޅުންނަށް ވަޑައިނުގެންނެވިގެން ކަމަށް ސަރުކާރުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް