ރައީސް ޔާމިންގެ އިންތިއުނާފްގެ މައްސަލަ ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަރާތްޕުޅުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ. ޔާމީ...

29 Aug 2021 | 07:11

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަރާތްޕުޅުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މި މައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށްފައިވަނީ އަންނަ މަހުގެ 12 އަދި 13 ވަނަ ދުވަހަށެވެ. ދެ ދުވަހު ވެސް ޝަރީއަތް ފެށުމަށް ތާވަލްކޮށްފައިވަނީ ހެނދުނު 9:00 އަށެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެމައްސަލަ ބައްލަވާނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމްއެވެ.

ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލައި މަންފާ ހޯދިކަން ޝަރީއަތަށް ސާބިތުވެގެންނެވެ. އެއީ ޚިޔާނާތުގެ ފައިސާ ކަމަށް ޝައްކުވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލުމުންނެވެ.

މީގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލައި ޖަލަށް ހުކުމް އިއްވާފައިވާ ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އުފުލައި ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަގެންދެ އެވެ. އެކަމަކު އެ ދައުވާތަކަށް ޔާމީން އިންކާރު ކުރެއްވި އެވެ.

ޔާމީންގެ ޕާޓީ، ޕީޕީއެމާއި ޕީއެންސީން ތުހުމަތުކުރާ ގޮތުގައި އެ މަނިކުފާނު ޖަލަށް ލީ ސިޔާސީ މަގްސަދެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް