ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް "އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" އަތްމަތީ ފޮތް އިފްތިތާޙުކޮށްދެއްވައިފި އެވެ.
މި ރަސްމިއްޔާތަކީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަލްޓިޕަރޕަސް ހޯލުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެކެވެ.
މި ފޮތާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ފޮތަކީ ރާއްޖޭގެ ރައްޔިތުންނަށް ދެއްވި އަގުހުރި ހަދިޔާއެއް ކަމަށެވެ. އަދި މި ފޮތުގެ ސަބަބުން ލިބިގެންދާނެ ގިނަގުނަ ފައިދާގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފަ އެވެ.
އެގޮތުން 'އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން' އަތްމަތީ ފޮތުގައި އޯޓިސްޓިކް ކުދިން ދެނެގަންނާނެގޮތާއި، އެކުދިންގެ ފަރުވާގައި ބޭނުންކުރެވިދާނެ ކަންކަމާއި، އެކުދިން މެނޭޖްކުރުމުގައި ބޭނުންކުރެވިދާނެ އުކުޅުތަކުގެ މަޢުލޫމާތު ހިމަނާފައިވާކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
މި ފޮތް ތައްޔާރުކޮށްފައިވަނީ އޯޓިޒަމް އެސޯސިއޭޝަނަށް ދާ ކުދިން ގެންގުޅުމުގައި އެއްކޮށްފައިވާ މަޢުލޫމާތުގެ އަލީގަ އެވެ. އަދި މި ފޮތް ނެރުމުގެ ބޭނުމަކީ ބެލެނިވެރިންނާއި ކިޔަވައިދޭ ޓީޗަރުން އޯޓިސްޓިކް ކުދިންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާނެ އުކުޅުތަކަށް މީހުން އަހުލުވެރިކުރުވުންކަމުގައި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވަނީ ފާހަގަކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޯޓިޒަމް އެސޯސިއޭޝަންގައި ހިމެނޭ ބައެއްތަންތައް ބައްލަވައިލައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް