އއ. އުކުޅަހަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އަންނަ އަހަރުގެ މެދު ތެރޭ އުކުޅަހު ބިން ހިއްކުމުގެ މަޝްރޫއު ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން، އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް މީޑިއާއަށް ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ބިން ހިއްކުންފަދަ މަޝްރޫޢުތަކަށް ބޮޑު މަޑުޖެހުމެއް އައިކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތްތައް ފަށައިގަނެފަވާކަމަށް އާޒިމް ވިދާޅުވި ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭ ފަށާނެކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހު އުކުޅަހަށް ބިން ހިއްކުމަށް ބޭނުންވާ ސާމާނު ގެނެސް އަމަލީ މަސައްކަތް ފެށުމަށެވެ.
ބިން ހިއްކުމުގެ އިތުރުން، އެމްޓީސީސީއާ ހަވާލުކޮށްފަވަނީ ހިއްކާ ސަރަޙައްދު ބޮޑު ހިލަ ޖަހައިގެން ޙިމާޔަތްކުރުމުގެ މަސައްކަތެވެ. އުކުޅަހުން 10 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 71 މިލިއަން ރުފިޔާއަށެވެ.
މި މަސައްކަތް ހަވާލުކުރީ 8 މަސްދުވަހުން ނިންމާގޮތަށެވެ.
ކޯވިޑް-19ގެ އެންމެ ދަތި ހާލަތުގައި ވެސް މަޝްރޫއުތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް ސަރުކާރާއި ކުންފުނިތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އަސާސީ ޚިދުމަތްތައް ގާއިމުގެ މަސައްކަތް ހަލުއި ދުވެއްޔެއްގައި އެބަ ކުރިއަށް ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް