21 އަހަރު ސްޕެއިންގެ ބާސެލޯމާއަށް ކުޅުމަށް ފަހު މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާގެ ދަށުން ފްރާންސްގެ ޕީއެސްޖީއާ ގުޅުނު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އެ ކްލަބުގެ ޖާޒީގައި ކުޅޭ ފުރަތަމަ މެޗު މިރޭ ކުޅޭނެއެވެ.
ޕީއެސްޖީގެ ޖާޒީގައި މިރޭ މެސީ ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ ރެއިމްސްއާ ދެކޮޅަށެވެ. މި މެޗަށް ނެގި ސްކޮޑުގައި މެސީ ހިމަނާފައިވާއިރު، މެސީގެ އިތުރުން ނޭމާ ވެސް ވަނީ މިރޭ ގެ މެޗަށް ނެގި ސްކޮޑުގައި ހިމަނާފައެވެ.
ޕީއެސްޖީން ލީގުގައި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، މި ތިން މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. އަދި މި މެޗުތަކުގައި މެސީއާއި ނޭމާ ކުޅެފައެއް ނުވެއެވެ.
އެހެން ނަމަވެސް މިރޭ ރެއިމްސްއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގެ ފުރަތަމަ އެގާރަ ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.
މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނިގޮތުގައި މިރޭގެ މެޗުގެ ފުރަތަމަ އެގާރައިން މެސީ ފެނުމާއި މެދު އަދި ގޮތެއް ނުނިންމައެވެ. ފަހަރެއްގައި ބެންޗުން ވެސް މެސީ މިރޭގެ މެޗު ފަށާފާނެކަމަށެވެ. އެހެން ކަމުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.
ޕޯއެސްޖީ މިވަގުތު އޮތީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނާގައެވެ.
ޕީއެސްޖީ އާއި ރެއިމްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 23:45 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް