ރައީސްގެ ތައުޒިޔާ: އަތަމާ އަބްދުއްލަތީފަކީ ޖަމާއަތަށް ފައިދާ ހުރި އެތައް ޚިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅެއް

އަބްދުއްލަތީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަތީފް) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުުވީ، ހުސެން މަނިކަކީ ޖަމާއަތަށް ފައިދާ ހުރި އެތައް ޚިދ...

29 Jul 2024 | 11:12

އަބްދުއްލަތީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަތީފް) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުުވީ، ހުސެން މަނިކަކީ ޖަމާއަތަށް ފައިދާ ހުރި އެތައް ޚިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައެވެ.

އެގޮތުން، ގިނަ އަދަދެއްގެ ދިވެހިން ޙައްޖަށް ގެންގޮސްދެއްވުމާއި މިސްކިތްތައް ބިނާކުރެއްވުން ފަދަ ދަރުމަވެތި އެތައް ކަމެއް ޤައުމަށް ކޮށްދެއްވާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އަދި އަބްދުއްލަތީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަތީފް) އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއި އެކުގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، އަބްދުއްލަތީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަތީފް) އަކީ ދިވެހި ވިޔަފާރިިވެރީންގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހިންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ އަޒުމާއިއެކު ސާބިތުކޮށްދެއްވި، ޒަމާނާގުޅޭ އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ އަޒުމާއެކު ސާބިތުކޮށްދެއްވި އަދި ޒަމާނާ ގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިސްތިސާދަށް ގެނެސްދެއްވުމުގައި މުހިނމު ޙިއްސަދާރެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އަބްދުއްލަތީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަތީފް) އަކީ ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކޮށްދެއްވުމުގެ ރޮގުން1991 ވަނަ އަހަރު ގައުމީ އިނާމު ހާސިލް ކުރައްވާފައިވާ ބޭފުޅެއް ކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސްގެ އަސަރުގަދަ ތައުޒިޔާ މެސެޖު ނިންމާލެއްވީ މަރުހޫމްގެ ފުރާނައަށް ހެޔޮ ދުޢާ ތަކާއި އެކުގައެވެ.

އަތަމާ އަބްދުއްލަތީފް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދެވެ. އޭނާ އަވަހާރަވިއިރު އުމުރުފުޅަކީ 94 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް