ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ޙާޞިލްކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި އާދީއްތަ ދުވަހު ސްޓެލްކޯގެ ހެޑް އޮފީހުގައި ޚާއްސަ ޙަފްލާއެއް ބާއްވައިފިއެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ދޭ ޚިދުމަތް ހީނަރުވެއްޖެނަމަ ދިވެހި ދަޢުލަތް ހީނަރުވެ، ދިވެހި ދަޢުލަތުގެ އިޤުތިޞާދީ މިނިވަންކަން ހީނަރުވާނެކަމަށާއި ކަރަންޓާއި ނުލައި ޤައުމުގެ އިޤުތިޞާދީ މިނިވަންކަން ޔަޤީން ނުކުރެވޭނެ ކަމަށެވެ.
ކުންފުނީގެ ޚިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަ ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް އެމްޑީ އިލްތިމާސް ކުރެއްވިއެވެ.
"އަޅުގަނޑުމެން ޚިދުމަތް ކުރަނީ، އަދި މިހާތަނަށް ޚިދުމަތް ކުރަމުން މި ދަނީ، އަދި މުސްތަޤުބަލްގައި ޚިދުމަތް ކުރާނީ ދިވެހި ދަޢުލަތަށް. އެހެންކަމުން ދިވެހި ދަޢުލަތަށް ޚިދުމަތްކޮށްދިނުމުގަ އަޅުގަނޑުމެން ތިބެންވާނީ ފިސާރި ކެރިގެން. އެކަމުގަ ހީނަރުކަމެއް އައިސްގެން ނުވާނެ. ބައެއް ފަހަރަށް ހީވެދާނެ ސްޓެލްކޯއަށޭ (ޚިދުމަތް ކުރަނީ). ސްޓެލްކޯއެއް ނޫންކަން އަޅުގަނޑުމެންނަށް ޔަޤީން ދެއްތޯ؟" އެމްޑީ ވިދާޅުވިއެވެ.
އެމްޑީ އިތުރަށް ވިދާޅުވީ ސްޓެލްކޯއަށް ޚިދުމަތްކުރުމަކީ ދިވެހި ދަޢުލަތަށް ޚިދުމަތް ކުރުން ކަމަށާއި އެހެންކަމުން ސްޓެލްކޯއިން ދޭ ޚިދުމަތުގަ، ރައްޔިތުންނަށް ދޭ ޚިދުމަތުގައި ސްޓެލްކޯގެ މުވައްޒަފުން ހީނަރުވެއްޖެޔާ ދިވެހި ދަޢުލަތް ހީނަރުވެ، އަދި ދިވެހި ދަޢުލަތުގެ އިޤުތިޞާދީ މިނިވަންކަން ހީނަރުވާނެކަމީ ޔަޤީންކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް