މާލޭގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގި ވަގުތު މާރާމާރީއެއް ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ރޭގައި މާފަންނު އޯކިޑް ޕްލާޒާގައި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނު ވަގުތު، މަގުމަތީގައި ހުރި މީހަކާ މާރާމާރީ ހިންގި މައްސަލައަކާއި ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ހައްޔަރުކުރިމީހާއާއި ގުޅޭގޮތުން އަދި އެ މާރާމާރީއާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އަލިފާނުގެ ހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނެފައިވަނީ މ.އޯކިޑްޕްލާޒާގޭގައި (މީހުން ދިރިނޫޅޭ)، ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ނިއްވާލާފައިވާކަމަށެވެ.
"މި ހާދިސާގެ މަޢުލޫމާތު، މިރޭ ފަތިހު 03:31 ހާއިރު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވި، އަދި އެ ސަރަހައްދަށް ގޮސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިރޭ ފަތިހު 04:49 ހާއިރު" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް