ސިމް ލިމިޓް ކުރުމުން ރައްޔިތުންނަށް ލިބިގެންދާ ސަލާމަތާއި ރައްކާތެރިކަން ބޮޑު، އުރީދޫއިން މި ބަދަލަށް މަރުހަބާ ކިޔާ: ނިޔާޒް

ސިމް ލިމިޓް ކުރުމަކީ ހުރިހާ ރައްޔިތުންނަށް ލިބޭ ސެކިއުރިޓީއެއް، މި ކަންކަމަށް އަބަދުވެސް އުރީދޫއިން މަރުހަބާ ކިޔާނެ ކަމަށް އުރީދޫއިން ބުނެފިއެވެ. ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ފަރާތ...

29 Jul 2023 | 07:38

ސިމް ލިމިޓް ކުރުމަކީ ހުރިހާ ރައްޔިތުންނަށް ލިބޭ ސެކިއުރިޓީއެއް، މި ކަންކަމަށް އަބަދުވެސް އުރީދޫއިން މަރުހަބާ ކިޔާނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ފަރާތުން، ވަނީ ސިމް ގަނެވޭ މިންވަރު ލިމިޓް ކޮށްފައެވެ. ކޭމްގެ ގަވާއިދުގައި ވާގޮތުން، ކޮންމެ ދިވެސްސަކަށް ނެގޭނީ10 ސިމްއެވެ. އަދި ބިދޭސީންނާއި ފަތުރުވެރިންނަށް ނެގޭނީ ތިން ސިމްއެވެ.

އެކަމާ ގުޅިގެން އުރީދޫ ޗީޕް ކޮމާޝަން އޮފިސަރ ހުސައިން ނިޔާޒް "ދުވަސް" އަށް ވިދާޅުވީ، ރަޖިސްޓްރީ ނުކުރާ ގިނަ ސިމްތަކަކުން ސްކޭމް ކޯލް ކުރުން ފަދަ ކުށްތައް އިންތިހާއަށް އިތުރުވާތީ، އެކަމަށް އެޅޭނެ ފިޔަވަޅަކާ މެދު ސަރުކާރާއެކު މަޝްވަރާ ކުރަމުން ދާތާ ދުވަސްތަކެއް ވެއްޖެ ކަމަށެެވެ.

އެގޮތުން ސަރުކާރުގެ ނިންމުމާ އެއްގޮތަށް ސިމް ވިއްކުން މަދުކުރީ ކަމަށާއި މިއަށްވުރެ މަދުކުރަން ސަރުކާރުން އެދިލެއްވި ނަމަ އެގޮތަށް ވެސް އަމަލު ކުރާނެ ކަމަށެވެ.

އެކަމުގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުމަށްވުރެ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން މުހިންމު ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އުރީދޫގެ ފަރާތުން އަމިއްލައަށް ސިމް ވިއްކޭވަރު ލިމިޓް ކުރިކަން ފާހަގަ ކުރައްވައި ނިޔާޒް ވިދާޅުވީ ބިދޭސީންނާއި ފަތުރުވެރިންނަށް ގަނެވޭނީ ގިނަވެގެން ފަސް ސިމްކޮޅު ކަމަށް މީގެ ކުރިން ކަނޑައަޅާފައި ވާނެ ކަމަށެވެ.

"މިއާ ގުޅިގެން ސްކޭމް ކޯލްތަކުގެ މައްސަލައިގައި އޯނަރޝިޕް އައިޑެންޓިފައި ކުރަން ތަންކޮޅެއް ފަސޭހަ ވާނެ" ނިޔާޒް ވިދާޅުވިއެވެ.

ކޮންމެ މީހަކު އެތައް ބައިވަރު ސިމެއް އަމިއްލަ ނަމުގައި ނަގާފައި ހުންނަނީ މީގެ ކުރިން ރާއްޖޭގައި ސިމް ގަތުމުގެ ވަކި ގަވާއިދެއް ނޯންނާތީކަން ނިޔާޒް ފާހަގަ ކުރެއްވިއެވެ.

އެގޮތުން އެކަކު ނަމުގައި ގިނަ ސިމްތަކެއް ނަގައި އާއިލާއާއި ރައްޓެހިންނަށް ދީފައި އޮންނަނީއެވެ.

ނަމަވެސް މި ބަދަލާއެކ ސިމް ގަތުމުގައި ކޮންޓްރޯލެއް އޮވެ، ސްކޭމް ކޯލްތަކުގައި މިހާރަށްވުރެ ބޮޑަށް މީހާ އައިޑެންޓިފައި ކުރުމަށް ފުލުހުންނަށްވެސް ފަސޭހަ ވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ބޭރުމީހުންނަށް ސިމް ދޫކުރަނީ ޕާސްޕޯޓް ނުވަތަ ވޯކް ވިސާ ޖަހައިގެން ކަމަށް ނިޔާޒް ވިދާޅުވިއެވެ. ނަމަވެސް ސިމް ނަގައި ބޭނުން ކޮށްފައި އެމީހުން ގައުމަށް ދާއިރު، ރައްޓެއްސަކަށް ސިމްކޮޅު ދީފައި ދިއުމުގެ ސަބަބުން އެ ނަންބަރު އުޅެނީ އެކްޓިވްކޮށް ކަމުގައި ވާތީ، އެ ކަމުން ނުކުންނަ މައްސަލަތައް އަދިވެއް ހައްލު ނުވާކަމަށް ނިޔާޒް ވިދާޅުވިއެވެ.

އާ ގަވާއިދު ތަންފީޒު ކުރުމަށް ސަރުކާރުން ހަ މަސް ދީފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެހެންކަމުން އެ މުއްދަތުގައި، އުރީދޫގެ 10 ސިމަށްވުރެ ގިނައިން ނަގާފައިވާ މީހުން، އެމީހުންގެ ނަމުގައިވާ ސިމްގެ އަދަދު10ށް މަދުކުރަން ޖެހެއެވެ. ނޫންނަމަ އެ މަސައްކަތް ކުރާނީ އުރީދޫގެ ފަރާތުންނެވެ.

"އެ މުއްދަތުގައި ކަސްޓަމަރު، ނަންބަރުގެ އޯނަޝިޕް ބަދަލު ނުކޮށްފިނަމަ ޖެހޭނީ ޑިސްކަނެކްޓް ކޮށްލަން، ލިމިޓަށްވުރެ ގިނަ ސިން ނަގާފައި ހުރެއްޖެނަމަ" ނިޔާޒް ވިދާޅުވިއެވެ.

އެގޮތުން މުއްދަތު ހަމަވާއިރު ކަސްޓަމަރު އުރީދޫއާ ހަމައަށް ނުގޮސްފިނަމަ، އެންމެ އެކްޓިވްކޮށް ގެންގުޅޭ 10 ނަންބަރު ނަގައި، ދެން ހުރި ނަންބަރުތައް ޑިސްކަނެކްޓް ކުރާނީ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އަދި އެފަދައިން އަމަލު ކުރާއިރު ބަލާނީ އެންމެ ފަހުން ރިޗާޖްކޮށް، އެންމެ ފަހުން ބިލް ދައްކާފައިވާ10 ނަންބަރަށް ކަމަށާއި ބާކީ ހުރި ނަންބަރުތަތއް ޑިސްކަނެކްޓް ކުރާނީ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ހުރިހާ ނަންބަރެއް އެއްވަރަކަށް އެކްޓިވް ނަމަ ނަގާފައިވާ ތަރުތީބެއް ބަލާފައި ޑިސްކަނެކްޓް ކުރަމުން ދާނެއެވެ.

ނިޔާޒް ވިދާޅުވީ މިއީ ހުރިހާ ރައްޔިތުންނަށްވެސް ލިބޭނެ ބޮޑު ސެކުއުރިޓީއެއް ކަމަށެވެ. އަދި ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި މިފަދަ ކަންކަމުގައި އުރީދޫއިން ވަރަށް ބޮޑަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް