މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މި ރޯގާއަކީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށާއި، ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭކަން ފާހަގަ ކުރެވޭ ކަމަށެވެ.
މިރޯގާއިން ރައްކާތެރިވުމަށް:-
- ގިނަ ގިނައިން އަތް ދޮވުން
ހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ، ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވޭ
- ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުން
- ޓިޝޫ/ޕޭޕަރ ޓަވަލް އިން ސާފުކޮށް، ރައްކާތެރިގޮތުގައި އުކާލުމަށްފަހު، ބްލީޗް އަޅާފައި 5 މިނެޓް ބަހައްޓަވާ، އަދި އެއަށްފަހު ބްލީޗް ސާފުކުރުމަށްފަހު ސައިބޯނި/ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރައްވާ
- ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުން
- އަދި މީހުން ގިނަ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
އިއްޔެ ފަތިހުއްސުރެ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތަކުން މާލޭ ސަރަހައްދުގެ ހޮސްޕިޓަލުތަކަށް އިއްޔެ ބާރުބޮޑުވިކަމަށް އެ ހޮސްޕިޓަލުތަކުން ބުނެފައިވާއިރު އެޗްޕީއޭއިން މިރޭ ބުނެފައިވަނީ ފެތުރެމުން އަންނަނީ އެކިއުޓް ގޭސްޓްރޯއެންޓްރައިޓިސް (އޭޖް) ކަމަށާއި މި ރޯގަލުގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަތާ ދެހަފްތާއެއްހާދުވަސް ވެދާނެ ކަމަށެވެ.
މި ރޯގާ ޗުއްޓީ ދުވަސްވަރުގައި އާންމުކޮށް ފެތުރުނުނަމަވެސް ރެއިން ފެށިގެން ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނެފައިވަނީ އެހާބޮޑަށް ކޭސްތައް އިތުރުވެގެންދިޔައީ ވައިރަސްއެއްގެ ސަބަބުން ކަމަށާއި ވަކި ކާއެއްޗަކާއި ގުޅުމެއް ނެތް ކަމަށެވެ.
ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ އަލާމާތް ހުރި ނަމަ ގެއިން ބޭރަށް ނުނިކުތުމަށާއި ގިނަ ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށާއި އާންމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށާއި މީހުން އެއްވާތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް