"ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ފަރާތުން ޒުވާނުން ނަމޫނާ ލިބިގަންނަން ޖެހޭ"

ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ފަރާތުން ޒުވާނުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށާއި ތަރައްޤީގެ މަގުގައި ރާއްޖެއަށް މިއަދު އާދެވިފައިވާ ހިސާބަށް އާދެވުނީ، ދައުލަތަށް ދިގުމުއްދަ...

29 Jul 2023 | 05:52

ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ފަރާތުން ޒުވާނުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށާއި ތަރައްޤީގެ މަގުގައި ރާއްޖެއަށް މިއަދު އާދެވިފައިވާ ހިސާބަށް އާދެވުނީ، ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ޚިދުމަތްތެރިންގެ ޤުރުބާނީއާއި ދައުލަތް ހިންގުމުގައި އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުގެ ސަބަބުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ގޮތުން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާއާއި ވަޒީރުންނާއި، ދަޢުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުން، އެ ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން އެ ބޭފުޅުންނަކީ އެ ބޭފުޅުންގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ވަރަށް ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އެބޭފުޅުންނަކީ، ރާއްޖޭގެ ގައުމީ ތަރައްގީގެ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅުންކަން ފާހަގަކުރައްވައި އެ ބޭފުޅުންގެ ހިދުމަތުން މިއަދުގެ ޒުވާން މުވައްޒަފުން، ނަމޫނާ ލިބިގަންނަންޖެހޭ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ދައުލަތަށް ހިދުމަތް ކުރުމަކީ އުފަލަކަށް ހެދުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ޤައުމަށް ޚިދުމަތްކުރުމަށް ދިވެހި ޒުވާނުންނަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ސަރުކާރުގެ ވަޒީފާތަކުގައި ގިނަ ޢަދަދެއްގެ ޒުވާނުން ތިބިކަން ފާހަގަކުރައްވައި އެ މުވައްޒަފުންގެ ޤައުމީ ވާޖިބުތަކާއި ޒިންމާތަކަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ވަޒީފާގައި އެ ޒުވާނުން ހަވާލުވެ އެ ތިއްބަވަނީ ޤައުމީ ތަރައްޤީގެ މުހިންމު ޒިންމާތަކަކާއި މަތިވެރި ޤައުމީ ވާޖިބުތަކެއް އަދާކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުން، އަދި ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުން ޤައުމީ ވާޖިބުތައް އަދާކުރެއްވުމުގައި، އިހްލާޞްތެރިކަމާއެކު، ވަފާތެރިކަންމަތީ ދެމިތިއްބެވުމަށް އިލްތިމާސްކުރައްވާފައެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ބޭފުޅުންނަށް، ސަރުކާރުގެ ފަރާތުން އިނާމު ދޭން ފެށީ، 2021 ވަނަ އަހަރުގައެވެ.

އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، 309 ބޭފުޅަކަށް މި އިނާމު އަރުވާފައިވެއެވެ. އަދި މިއަދު ބޭއްވި ޖަލްސާގައި، 148 ބޭފުޅަކަށް އިނާމު އަރުވާފައިވާއިރު މިހާތަނަށް މުޅި ޖުމްލަ 457 ބޭފުޅަކަށް މި އިނާމު އަރުވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް