ރައީސް ސާލިހާއި ގުޅޭގޮތުން ރައީސް ނަޝީދު އެވިދާޅުވާފަދަ ފޮޓޯތަކެއް ހުރިތޯ ބަލައި ތަހުގީގު ކުރުމަށް ޕީޕީއެމް އިން ގޮވާލައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ގުޅޭގޮތުން ރައީސް ނަޝީދު އެވިދާޅުވާފަދަ ފޮޓޯތަކެއް ހުރިތޯ ބަލައި ތަހުގީގު ކުރުމަށް ޕީޕީއެމް އިން ގޮވާލައިފިއެވެ. އެ ޕާޓީން މިހެން ގޮވާލީ ރައީސް ސާލިހު، އަންހެން ކ...

29 Jul 2022 | 18:39

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ގުޅޭގޮތުން ރައީސް ނަޝީދު އެވިދާޅުވާފަދަ ފޮޓޯތަކެއް ހުރިތޯ ބަލައި ތަހުގީގު ކުރުމަށް ޕީޕީއެމް އިން ގޮވާލައިފިއެވެ.

އެ ޕާޓީން މިހެން ގޮވާލީ ރައީސް ސާލިހު، އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މަންޒަރު ފެންނަ ފޮޓޯތަކެއް ރައީސް ނަޝީދަށް ލިބިލައްވާފައިވާކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޒިނޭ ކުރާ މަންޒަރު ހުރި ފޮޓޯތަކެއް ހުރި ކަމަށް މަޖިލިސް ރައީސް ވިދާޅުވާ ވިދާޅުވުން ތަޙުޤީޤު ކުރުމަށް ގޮވާލާ ކަމަށެވެ.

" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަތްޕުޅުގައި ހުރިކަމަށް ވިދާޅުވާ ވިދާޅުވުމުގެ ޙަޤީޤަތް ހޯދާ އެކަމުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލަމެވެ." ޕީޕީއެމް ގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިމައްސަލައިގެ ތެދު ދޮގު ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާނެތީ، އެމައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް މިހާރުން މިހާރަށް ހިންގުމަށް ދައުލަތުގެ މުއައްސަސާތަކަށް ޚާއްޞަކޮށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެޕާޓީން ވަނީ ގޮވާލާފައެވެ.

އެ މައްސަލައިގެ ތަޙީޤީޤަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގާ ތަޙުޤީޤަކަށް ހެދުމަށްޓަކައި، ވަގުތީ ގޮތުންނަމަވެސް ތަޙުޤީޤު ނިމެންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު ވެސް މަޤާމުން އެކަހެރިވުމަށް ވެސް ވަނީ ގޮވާލާފައެވެ.

ޕީޕީއެމް ގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިވަރުގެ ބޮޑު ތުހުމަތެއް ދައުލަތުގެ އެންމެ މަތީ ވެރިންގެ ތެރެއިން ވެރިއަކު ކުރެއްވުމަކީ ތަރުޖަމާނު މެދުވެރިކޮށް ބަރީއަވާންވީ ވަގުތެއް ނޫން ކަމަށެވެ. އަދި މިކަމުން ބަރީއަވުމަށްޓަކައި ފުރިހަމަ މިނިވަން ތަޙުޤީޤަކަށް ފުރުޞަތު ދެއްވުން އެދޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހަމައެއާއެކު، އަދީބުގެ އަތުން ކަޅު ދަބަސް ގެންދިޔަ މައްސަލަ އޮއްބާލިގޮތަށް މި މައްސަލަ އޮއްބާ ނުލުމަކީ ދިވެހި ރައްޔިތުންގެ އާދޭހެއް ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް