ގާނޫނީ ވަކީލު ނާޒިމް އަބްދުއް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.
ނާޒިމް ހައްޔަރު ކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަންގީރާއި އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައިގެ ތުހުމަތަށެވެ. އޭނާ ހައްޔަރު ކުރީ އއ. އަތޮޅު ރިސޯޓެއްގައި ހުއްޓަ ރޭގެ ވަގުތެއްގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ތެރެއިން45 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމުގެ އަމުރު ދީފައިވާ ކަމަށެވެ.
ނާޒިމްގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އޭނާ ބަންދުކޮށްފައި ހުރީ ރަސްދޫ ޕޮލިސް ސްޓޭޝަންގައި އެވެ.
މި މައްސަލައިގަ މިދިޔަ މަހު ފަހުކޮޅު ނާޒިމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފަ އެވެ.
މި މައްސަލައިގަ ހައްޔަރު ކޮށްފައިވާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ ބަންދުގެ މުއްދަތުވެސް އިތުރުކޮށްފައިވެ އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފަ އެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގަ ދެން ހައްޔަރު ކޮށްފައިވަނީ35 އަހަރުގެ ދިވެހި ފިރިހެނަކާއި28 އަހަރުގުެ ދިވެހި ފިރިހެނެކެވެ. މީގެ ތެރެއިން35 އަހަރުގެ އަބްދުއްރަހުމާން ރަފީއުއަކީ ފުލުހެކެވެ. 28 އަހަރުގެ މިހާ އަކީ ނޫސްވެރިޔާ އިބްރާހިމް ނަސީރެވެ.
އަލަމްގީރާއެކު އެއްޖިންސުން އެތައް ބަޔަކު ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާއިރު ފުލުހުން ބުނީ މީހުން ހައްޔަރުކުރަން ފެށީ މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކަމަށެވެ.
އެ ވީޑިއޯޓަކުން ފެންނަ މީހުންގެ ފޮރެންސިކް އެނަލިސިސް ހަދަމުން އަންނަ ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް އެ ކަން ކުރުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް