ޕީއެސްޖީއާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަނބުރާ ބާސެލޯނާއަށް ގެނައުމަކީ ކުލަބުގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ބުނެފިއެވެ.
ގިނަ އަހަރުތަކަކަށް ފަހު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވީ ނިމިގެން ދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. 17 ސީޒަން ބާސެލޯނާގައި ހޭދަކުރުމަށް ފަހު މެސީ ބާސާ ދޫކޮށް ދާން ޖެހުނީ އެކުލަބުން މެސީގެ އެއްބަސް ވުން އައު ނުކޮށް ދިނުމުގެ ސަބަބުން ނެވެ. އޭރު ބާސާއިން ބުނީ މެސީ ބޭނުންވާ މުސާރައެއް ބާސާއަށް ދެވެން ނެތް ކަމަށެވެ. އަދި އެމުސާރައިގައި މެސީ ކުލަބުގައި ބެހެއްޓެން ނެތް ކަމަށްބުނެ އޭނާގެ އެއްބަސްވުން އެ ކުލަބުން ވަނީ އައު ނުކޮށްދީ މެސީ ދޫކޮށްލާފައެވެ.
ނިއުޔޯކު ސްޕޯޓްސްއާ ވާހަކަ ދައްކަމުން ލަޕޯޓާ ވަނީ ޢޭރު މެސީއާއި މެދު ކަންތައް ކުރެވުނު ގޮތް ރަނގަޅު ނޫން ކަމަށް ބުނެ ވާހަކަ ދައްކާފައެވެ. އެގޮތުން ލަޕޯޓާ ބުނީ އޭރު މެސީއާއި މެދު ކަންތައް ކުރެވިފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް އެންމެން ވެސް އެއްބަސްވާ ކަމަށެވެ.
ލަޕޯޓާ ބުނީ އޭރު ކަންތައް ގޯހުން ދިޔައީ އިޤްތިޞާދީ ގޮތުން ވެސް ކުލަބުގެ ހާލަތު ވަރަށް ބޮޑަށް ދައްވުމުން ކަމަށާއި މެސީ ދޫކޮށްލީ ކުލަބުން ބޭނުންވެގެން ނޫން ކަމަށެވެ. މީގެ އިތުރުން ލަޕޯޓާ ބުނީ ކުލަބު މެސީއަށް ދަރާފައިވާ ކަމަށާއި އެ ދަރަނި އަދާކުރަން ވޭނުންވާ ކަމަށެވެ. އަދި ކުލަބުން ބޭނުން ވަނީ މެސީ އަލުން އެނބުރި އައިސް ކެރިއަރުގެ ބާކީ އޮތް ބައި ބާސާއާއި އެކު ނިންމާލުމަށް ކަމަށްވެސް ލަޕޯޓޭ ބުންޏެވެ.
" އަހަރެމެންނަށް އޭރު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އެކަމާއ އެންމެން ވެސް އެއްބަސްވޭ. އެކަން އެގޮތަށް ވާން ޖެހުނީވެސް ކުލަބުގެ އިޤްތިޞާދީ ހާލަތު ތަން ނުދިނުމުން. އަހަރެމެން ބޭނުން ވަނީ މެސީ އަލުން އެނބުރި އައިސް އޭނާގެ ކެރިއަރުގައި ބާކީ އޮތް ބައި އަހަރެމެންނާއި އެކު ހޭދަކުރަން." ލަޕޯޓާ ބުންޏެވެ.
އެންމެ ފަހު ބަހަކަށް ލަޕޯޓާ ބުނީ މެސީ އަލުން ބާސާއަށް ގެނައުމަކީ ކުރެވޭ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެކަން ވާނޭކަމާއި މެދު ޝައްކުނުކުރާ ކަމަށެވެ.
މެސީ މިހާރު ކުޅެމުން އަންނަ ކުލަބު ކަމުގައިވާ ޕީއެސްޖީއާއި އެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި އެ އެއްބަސްވުން ހަމަވުމާއި އެކު މެސީ އަލުން އެނބުރި ބާސާއާއި ގުޅޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް