ފުރާ ވަރު ދުވަސްވަރު އެންމެ ގަޔާވި ފިރިހެނަކީ ޝާހްރުކް ހާންގެ ދޮށީި ފިރިހެން ދަރިފުޅު އާރްޔަން ހާން ކަމަށް ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ އަނަންޔާ ޕާންޑޭ ބުނެފި އެވެ.
އަނަންޔާ މިހެން ބުނީ "ކޮފީ ވިތް ކަރަން" ގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ އެ ޝޯގައި ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އަނަންޔާ އަކީ ޝާހްރުކްގެ ދަރިފުޅު ސުހާނާ ހާންގެ އެންމެ ގާތް އެއް އެކުވެރިޔާވެސް މެ އެވެ.
އަނަންޔާ އާއި ކަރަން ސުވާލު ކުރީ ފުރާވަރު އިރު ގަޔާވާ މީހަކު ހުރިތޯ އާއި އެއީ ކާކުތޯއެވެ. ޖަވާބުގައި އަނަންޔާ ބުނީ އޭނާ އަޅައިގަނެގެން އުޅުނީ އާރްޔަންއާ ކަމަށެވެ. އެކަމަކު އެކަން އޭނާއަށް ނޭނގޭނެ ކަމަށާއި މިހާރު އާރްޔަން އާއި ދޭތެރޭ އެކަހަލަ ނަޒަރަކުން ނުބަލާ ކަމަށް ބުންޏެވެ.
އަނަންޔާ ބުނީ އޭނާއަށް އަބަދުވެސް އާރްޔަން ވަރަށް "ކިއުޓް" ކަމަށެވެ. އެކަމާއި ބެހޭ ގޮތުން އިތުރު ވާހަކައެއް ނުދައްކަ އެވެ.
މިދިޔަ އަހަރު ޑްރަގް މައްސަލައެއްގައި އާރްޔަން ހައްޔަރުކޮށްފައި ހުރި އިރު މައްސަލަ އާއި ގުޅުން ހުރި ހެތްކެއްގެ ގޮތުގައި އަނަންޔާ އާއި ފުލުހުން ސުވާލު ކޮށްފައިވެ އެވެ. އެ ދުވަސްވަރު ވަނީ އާރްޔަން އާއި އަނަންޔާ އަކީ ކުރީގެ ދެ ލޯބިވެރިން ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ.
އަނަންޔާ ފިލްމީ ދާއިރާއަށް ނުކުތް ފަހުން ރައްޓެހިވީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްކަރާއި އެވެ. އެކަމަކު އެ ދެމީހުންގެ ގުޅުން މިހާރު ވަނީ ނިމުމަކަށް ގެނެސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް