އޭ ކިބުވެރިކަމާއި ބޮޑާ ކަންމަތީގައި އުޅޭ އިންސާނާއެވެ. މިއަދު ތިބާގެ ބާރާއި ޖަހާއި ނުފޫޒު އެބައޮތެވެ. ބުނިކަމެއް ބުނި ގޮތަކަށް ކޮށްދޭނެ “ޚާދިމުން” އެބަތިއްބެވެ. މުދަލާއި ފައިސާގެ ގޮތުން ތިބާ އަކީ ތަނަވަސް މީހެކެވެ. ނުވަތަ ފަހަރެއްގައި ގަދަރުވެރި އާއިލާއަކުން އައިތީ ޝަރަފާއި އިއްޒަތް ލިބިގެންވާ މީހެކެވެ. ނޫނީ މަގާމުގެ ގޮތުން މީހުންގެ އިހްތިރާމް، ރުހުމުގައި ވެސް ނުވަތަ ނުރުހުމުގައި ވެސް ދޭން މަޖުބޫރު މީހެކެވެ.
އެހެނަސް އޭ އިންސާނާއެވެ. ތިބާގެ އަސްލު ސައިޒަށް ވިސްނާލާށެވެ. ހަމަކަށަވަރުން މި ފޮޓޯ އިން ފެންނަފަދަ ކަށްވަޅަކަށް ތިބާވެސް ލެވޭނެ ދުވަސް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެކަށީގެންވާކަމެކޭ މި ދެންނެވީ އެއްވެސް މީހަކު މަރުވާނެ ތަނެއް ނުވަތަ ގޮތެއް ނޭނގީތީއެވެ. ފަހަރެއްގައި ވަޅުނުލޭވޭ ހާލަތެއް ވެސް މެދުވެރިވެދާނެއެވެ. އެހެނަސް ހަގީގަތަކީ ކަށްވަޅުގެ ސައިޒަކީ އިންސާނާގެ އަސްލު ސައިޒެވެ. ވިސްނާލާށެވެ. އެ ދުވަހުން ދުނިޔެމަތީގައި ތިބާ ވަށައިގެން އެނބުރުނު މީހުންތައް ތިބާ ދޫކޮށްދާނެއެވެ. އޭ ހަނދާންނެތުން ގަދަ އިންސާނާ އެވެ. ތިބާ އުފެއްދެވީ ވެލިންނެވެ. އެ ވެލީގެ ތެރެއަށް ތިބާ އެނބުރިދާނެއެވެ. ރުހުމުގައި ވެސް ނުވަތަ ނުރުހުމުގައި ވެސް މަރުގެ ރަހަ ތިބާ ދެކޭނެއެވެ. ” ހަމަކަށަވަރުން ކޮންމެ ނަފުސެއް ވެސް މަރުގެ ރަހަ ދެކޭނެއެވެ” މީ ﷲ ގެ ވަހީއެވެ. އެހެންކަމުން ކިބުރުވެރިކަމާއި ބޮޑާކަމުގެ ފޭރާން ބާލާށެވެ. ހިތްތިރިކަމާއި ހިތް ޚާލިސްކަމުގެ މުތީތަކުން ޖަރީވާށެވެ.
ހަމަކަށަވަރުން ތިބާގެ ވެރި ﷲ ގެ ހަޒުރަތުގައި އޮރިޔާން ހާލުގައި ކޮޅަށް ތިބާ ހުންނާނެއެވެ. މީ ތޯތޯ ވާހަކައެއް ނޫނެވެ. އެއީ ހަމަ ތިބާއެވެ. ޔަގީނެވެ. އެ ދުވަސް ތިބާ ދެކޫނޫއެވެ. އެހެންކަމުން އަބަދަށް ދެމިގެންވާ އާޚިރަތުގެ އުފާވެރިކަމަށް ތައްޔާރުވާށެވެ. އޭ ޒުވާނާ އެވެ. ތިބާގެ ކުރިމަތީގައި ވަޅުލެވިގެންދަނީ ކިތައް ޒުވާނުން ހެއްޔެވެ. މީ ޒުވާން އުމުރޭ ހިތާ ލަސްނުކުރާށެވެ. ތިބާ ދެކެ ނުހަނު ލޯބިވާ ﷲ އަށް އެނބުރި ދާށެވެ. އެކަލާނގެ ރަހުމަތް ވަނީ ތަނަވަސްވެގެންނެވެ. ވަގަތު ފާއިތު ނުވެއެވެ. އެހެނަސް ވަގުތު ދަނީ ބާރަށް ހިނގަމުންނެވެ. އިޚްލާސްތެރި ހިތަކާއި އެކު ތައުބާވާށެވެ. ” ޔާ ﷲ މި އަޅާގެ ހަޔާތުގައި ހުތުރުކަން ބޮޑު ފާފަތަކާއި ބޮޑު ފާފަތަކާއި ކުދި ފާފަތައް ކުރެވިއްޖެއެވެ. މި އަޅާ އަށް ޢަފޫކުރައްވާދޭވެ. އިނބަރަސްކަލާގެއީ ރަހުމާންވަންތަ ރަހީމްވަންތަ ރަސްކަލާގެއެވެ.” ހިތުގައިވާ އުދާސްތައް ބޭރުކޮށްލާށެވެ. ﷲ ގެ ހަޒުރަތުގައެވެ. ދުނިޔެ މަތީގަ އިންސާނުން ތިބާ ދެކެ ފޫހިވެދާނެއެވެ. އުއްމީދު ކަނޑާލަފާނެއެވެ. އެހެނަސް ތިބާގެ ވެރި ﷲ ތިބާ ދޫނުކުރައްވައެވެ. ތިބާ ދެކެ ލޯބި ވޮޑިގެންވެއެވެ.
ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށް އިސްލާހުވާށެވެ. ތައުބާވާށެވެ. ޔާ ﷲ އަޅަމެންގެ ފާފަ ފުއްސަވާ އަޅަމެން އެންމެންނަށް ރަހުމަތްލައްވާދޭވެ. އާމީން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް