އުރީދޫ އަތޮޅު ދުވުމުގައި ރެޖިސްޓަރވުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލީ އަތޮޅު ދުވުމުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ ކަމަށެވެ. މިހާރު ނިންމާފައިވާގޮތުން ރެޖިސްޓަރވުމުގެ ފުރުސަތު 31 ޖުލައި 2021 ގެ ހަވީރު 6:00 އާއި ހަމައަށް އޮންލައިން ޕޯޓަލް: ore.do/regstr މެދުވެރިކޮށް އޮންނާނެ އެވެ.
ހަމައެއާއެކު މިހާތަނަށް ދުނިވުމުގައި ބައިވެރިވާން ރެޖިސްޓްރީ ވެފައިވާ ދުވުންތެރިން ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމްގައި ވާޗުއަލް ބިބް ޝެއާކޮށްގެން އަތޮޅު ދުވުމުގެ ޓީޝާޓެއް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް ބުނެ އެވެ. އެ މުއްދަތު ހަމަވާނީ 31 ޖުލައި 2021 ގެ މެންދަމު 12 ގައި އެވެ.
މިއަހަރުގެ ރަންގައި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރުގެ ކެޓެގަރީގައިވެސް ބައިވެރިވެވޭނެ އެވެ. ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންފުޅުވާ ދުވުންތެރިން ދެ ކެޓެގަރީއަށް ވަކިން ރެޖިސްޓްރީވެ މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަންޖެހެއެވެ.
ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، އެކެއް އޯގަސްޓް އާއި ހަތެއް އޯގަސްޓް އާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެއެވެ.
ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަރމޭޝަން މެސެޖެއް ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ. ރެޖިސްޓްރީވެފައިވާ ދުވުންތެރިން، ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭ ގޮތަށް އުރީދޫއިން ވަނީ ހަމަޖައްސާފައި އެވެ.
ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވަރީ ކޮށްލަދޭނެއެވެ.
އުރީދޫ އަތޮޅު ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން މަރުހަބާކިޔައެވެ.
މި ވާޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެން ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް