ހުޅުމާލޭގައި ރައްޔިތުން ދިރިއުޅޭ ފަންގިފިލާ އާއި ހަމައަށް ވިލާ ގޭސްފުޅިވެސް ޑެލިވަރީ ކުރެވޭނެ ގޮތެއް ހަމަޖެހޭތޯ މަސައްކަތް ފަށާފައިވާ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއި ވިދާޅުވެއްޖެއެވެ.
މިދިޔަ މެއި މަހު ޝުޖާއު ވަނީ އޭނާ އިސްވެ މަޝްވަރާކޮށްގެން މޯލްޑިވް ގޭސް ހުޅުމާލޭގައި މީހުން ދިރިއުޅޭ ފަންގިފިލާ އާއި ހަމައަށް ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސާފައި އެވެ.
އޭރު އޭނާ ވިދާޅުވީ އެ އިންތިޒާމް ހަމަޖައްސަން މަޝްވަރާ ކުރީ އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަކުދިންގެ އާއިލާތަކުގެ އިތުރުން ހުޅުމާލޭގެ ގިނަ ރައްޔިތުން އެ އިންތިޒާމް ހަމަޖެހޭނެ ގޮތެއް ހަދައިދިނުމަށް އެދުމުން ކަމަށެވެ.
މިއަދު ޝުޖާއު ޓުވިޓާގައި ވިދާޅުވީ އޭރު މަޝްވަރާކޮށްގެން މޯލްޑިވްސް ގޭސް މަތީ ފަންގިފިލާތަކަށް އެރުވުމުގެ އިންތިޒާމް ހަމަޖެއްސިހެން ވިލާ ގޭހުގެ ޑެލިވަރީވެސް އެގޮތަށް ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަންނަ ހަފްތާގައި ވިލާ ގޭހާއި އެކު އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
https://twitter.com/IbrahimShujaau/status/1420664040972427266
އޭނާ ޓުވިޓާގައި މިހެން ވިދާޅުވީ ކޯވިޑްގެ ބަހަނާގައި އަދިވެސް ގޭސްފުޅި މަތީ ފަންގިފިލާތަކަށް އަރުވައި ނުދޭ ކަމަށް ބުނެ އާންމުންގެ މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޝަކުވާއަކަށް ޖަވާބު ދެމުންނެވެ. އެމީހާ ބުނީ އަދިވެސް މަތީ ފަންގިފިލާތަކަށް ފިރިހެނަކު ނެތް ވަގުތެއްގައި ގޭސް ޑެލިވަރީ ކޮށްފިނަމަ އަރުވައި ގުޅަން ޖެހެނީ ބިދޭސީއަކަށް50 ނުވަތަ100 ރުފިޔާ ދީގެން ކަމަށާއި އެކަމަށް ހައްލެއް ބޭނުންވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް