އުފާވެރި ހަބަރެއް: ޔޫއޭއީގެ ކޯވިޑް ގްރީން ލިސްޓުގައި އަނެއްކާވެސް ރާއްޖެ ހިމަނައިފި

ކޯވިޑް-19 އާއި ގުޅިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ގްރީން ލިސްޓުގައި ރާއްޖޭގެ ނަން އަނެއްކާވެސް ހިމަނައިފި އެވެ. ޔޫއޭއީގެ ވެރިރަށް އަބޫދާބީން އެކުލަވާލާފައިވާ ގްރީން ލިސްޓުގައި ހިމެނޭ ގަ...

29 Jul 2021 | 07:40

ކޯވިޑް-19 އާއި ގުޅިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ގްރީން ލިސްޓުގައި ރާއްޖޭގެ ނަން އަނެއްކާވެސް ހިމަނައިފި އެވެ.

ޔޫއޭއީގެ ވެރިރަށް އަބޫދާބީން އެކުލަވާލާފައިވާ ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުން އެ ގައުމަށް ދަތުރު ކުރާ މީހުން ކަރަންޓީން ވާކަށްނުޖެހޭނެ އެވެ. ރާއްޖޭގެ ކޯވިޑް ހާލަތު ގޯސްވާތީ އެ ލިސްޓުން ރާއްޖެ އުނިކުރީ މިދިޔަ ފެބްރިއަރީ މަހު ކުރީ ކޮޅު އެވެ.

އިއްޔެ ޔޫއޭއީގެ ޑިޕާޓްމެންޓް އޮފް ކަލްޗާ އެންޑް ޓޫރިޒަމުން އާއްމުކުރި ގްރީން ލިސްޓަށް ރާއްޖެ ހިމެނޭ ގޮތަށް އަށްގައުމެއް ވަނީ އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ، ބަޙްރެއިން، ބުރުނޭއީ، ބަލްގޭރިޔާ، ޗެކްރިޕަބްލިކް، ޕޮލެންޑް، ސާބިއާގެ އިތުރުން ޔޫކުްރެއިންއެވެ.

ލިސްޓަށް އިތުރު ކުރި ގައުމުތަކުގެ މީހުންނަށް ކަރަންޓީންވުމާއި ނުލައި އެ ގައުމަށް އެތެރެވެވޭނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ.

ލިސްޓަށް ގެނައި ބަދަލާއި އެކު 12 ގައުމެއް ވަނީ އެ ލިސްޓުން އުނިކޮށްފައެވެ. އެ ގައުމުތަކަކީ ކޯވިޑްގެ ހާލަތަށްވުރެ ބޮޑަށް ކޯވިޑް ޑެލްޓާ ވޭރިއަންޓު ފެތުރޭތީ ލިސްޓުގައި ހިމެނި ގައުމުތަކެވެ. އޭގެ ތެރޭގައި ފްރާންސާއި ޑެންމާކު ފަދަ ގައުމުތައް ހިމެނެ އެވެ.

އަބޫދާބީން މި ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޯވިޑް-19 ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާއި އެ ގައުމެއްގައި ބަލި ފެތުރޭ އަދަދަށް ބަލައިފަ އެވެ.

ޔޫއޭއީގެ ގްރީން ލިސްޓުގައި ރާއްޖެ ހިމެނުމަކީ ދިވެހިންނަށް މިހާރު ވަރަށް އުފާވެރި ހަބަރަކަށް ވާނެ އެވެ. އެއީ ވިޔަފާރީގެ ބޭނުމުގައި ނޫނަސް ޗުއްޓީ ހޭދަކުރުމަށް ދިވެހިންގެ މެދުގައި މިހާރު އެންމެ މަގުބޫލު ދެ މަންޒިލްގެ ތެރެއިން އެއް ތަނަކީ ޔޫއޭއީގެ ދުބާއީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް