އައްޑޫ ސިޓީ ހިތަދޫ މީހަކު އޭނާގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ޖިހާދަށް ކަމަށްބުނެ ސީރިއާއަށް ގޮސްފައިވާކަމަށް އައްޑޫ ނޫހެއް ކަމަށްވާ އައްޑޫ ލައިވް އިން ބުނެފި އެވެ.
އެ ނޫހުގައި ބުނެފައިވަނީ ޝަންގްރިއްލާ ރިސޯޓުގައި ވަޒީފާ އަދާކުރަމުން ދިޔަ އަތީޤް ކިޔާ މި ފިރިހެން މީހާ އޭނާގެ ދަރިފުޅު ގޮވައިގެން ލަންކާއަށް ދިޔައީ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ޗުއްޓީ ހޭދަކޮށްލުމަށް ކަމަށް ބުނެ ކަމަށެވެ.
ފިރިހެން ކުއްޖާގެ މަންމަގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ދަރިފުޅު ގޮވައިގެން ލަންކާއަށް ދިއުމަށް ފަހު މީގެ ދެ ދުވަސް ކުރިން، "ތިމަންނަމެން މިދަނީ ޖިހާދަށް ކަމަށް" އާއިލާއަށް އަންގާފައިވާ ކަމަށެވެ.
"ލަންކާ ނަންބަރަކުން ގުޅާފައި ބުނީ. މަންމާއޭ ތިމަންނަ މަތިން ހަނދާން ނައްތާލާށޭ. ތިމަންނަމެން މިދަނީ މާތް ވެގެންވާ ސީރިޔާގެ ބިމަށް ޖިހާދަށޭ. އޭގެ ފަހުން އެ ނަންބަރަށް ގުޅަން މަސައްކަތް ކުރިން އެކަމަކު ނުއެއް ގުޅޭ. " އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކާ ހަވާލާދީ އައްޑޫ ލައިވްގައި ބުނެފައި ވެ އެވެ.
އަތީޤްގެ ކައިވެނި ރޫޅުނު ފަހުން އޭނާގެ ދަރިފުޅު ބަލަހައްޓަމުން ގެންދިޔައީ އެކުއްޖާގެ މަންމަ ކަމަށާއި އަތީޤްގެ އިތުރުން ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ އިތުރު ބަޔަކު ސީރިޔާއަށް ދިއުމަށް ތުރުކީއަށް ގޮސްފައިވާ ކަމަށް ސޯޝަލް މީޑިޔާގައި ވާހަކަދެކެވެމުން ދާއިރު އެއީ ކޮންބައެއްކަން އަދި ސާފުވާގޮތް ނުވާ ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.
މި މައްސަލަ އެ ކުއްޖާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައި ވާކަމަށް އެ ނޫހުގައި ބުނެފައިވާއިރު މިކަމުގައި ފުލުހުންގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް