މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް އަވަށްޓެރި ބަންގްލަދޭޝްގެ ލައްކައަކަށްވުރެ ގިނަ މީހުން ތައްޔާރުވެފައިވާއިރު އެ ގައުމުގެ ގައުމީ އެއާލައިން ބީމާން އެއާލައިނާއެކު ބަންގްލަދޭޝް ރައްޔިތުން ހައްޖަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު މެގަ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.
މިކަމާއި ބެހޭގޮތުން މެގަ މޯލްޑިވްސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ފުރުސަތު މެގަ މޯލްޑިވްސް އަށް ލިބުނީ ވަރަށް ވާދަވެރި ބިޑެއް ކާމިޔާބު ކޮށްގެން ކަމަށެވެ. މި ފުރުސަތު މެގަ މޯލްޑިވްސް އަށް ބީމާން އިން ދިނީ މެގަ މޯލްޑިވްސް އިން ހުށަހެޅި ބިޑް ފުރިހަމަވުމާއި ފުރިހަމަ ހިދުމަތާއި ބޭނުންވާ ވަގުތަށް މެގަ މޯލްޑިވްސްގެ ފްލައިޓް ލިބޭނެކަން ބީމާން އަށް އެނގޭތީ ކަމަށް މެގަ މޯލްޑިވެސްގެ ބަޔާނުގައި ވެ އެވެ.
މެގަ މޯލްޑިވްސް އިން ބުނީ ބަންގްލަދޭޝް ރައްޔިތުން ހައްޖަށް ގެންދިއުމުގައި ބީމާން އަށް އެހީތެރިވުމުގެ ގޮތުން ބޮއިން 767 މަރުކާގެ ފްލައިޓެއް އެ ދުވަސްވަރު ބޭނުން ކުރުމަށް ނިންމާފައިވާކަމަށާއި އެ ފްލައިޓް އޮޕަރޭޓް ކުރާނީ މެގަ މޯލްޑިވްސްގެ ޕައިލެޓުންނާއި ކެބިން ކްރޫއިން ކަމަށެވެ.
ބަންގްލަދޭޝްގައި ލައްކައަކަށްވުރެ ގިނަ މީހުން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ތައްޔާރުވެފައިވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ބީމާން އެއާލައިންސް އިންނެވެ. އެހެންކަމުން ބީމާން އަށް އެހީތެރިވުމުގެ ގޮތުން މެގަ މޯލްޑިވްސް އިން ބޭނުންކުރާ ފްލައިޓްގައި ބަންގްލަދޭޝް ރައްޔިތުން، ބަންގްލަދޭޝް އިން ޖިއްދާއަށް ނުވަތަ އެހެން ސަރަހައްދުތަކަށް ގެންދިއުމުގައި މެގަ މޯލްޑިވްސް އިން ބީމާން އަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް މެގަ މޯލްޑިވްސްގެ ބަޔާނުގައި ވެ އެވެ.
މި އެއްބަސްވުމާއިމެދު މެގަ މޯލްޑިވްސްގެ ސީއީއޯ، ޖޯޖް ވެއިންމަން ބުނެފައިވަނީ ބަންގްލަދޭޝްގެ ގައުމީ އެއާލައިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި ބަންގްލަދޭޝް ކަހަލަ ކުރިއަރަމުން އަންނަ ގައުމެއްގެ އެއާލައިނަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ލިބުމަކީ އެ އެއާލައިނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި ދެކުނު އޭސިއާގެ ގައުމުތަކުގެ އެއާލައިންތަކުގެ މެދުގައި މިފަދަ އެއްބަސްވުންތަކެއް އަންނަ ނަމަ އެކަން ވެގެންދާނީ މި ސަރަހައްދުގެ އޭވިއޭޝަން ޝިނާއަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމުގައިވެސް ޖޯޖް ވިދާޅުވި އެވެ.
ރާއްޖޭގެ އެއާލައިނަކުން ބައިނަލް އަގްވާމީ މިފަދަ ވާދަވެރި ބިޑެއް ކާމިޔާބު ކުރި މީ ފުރަތަމަ ފަހަރު ކަންވެސް މެގަ މޯލްޑިވްސްގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެ އެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ނަން ބައިނަލް އަގްވާމީ އޭވިއޭޝަން މެޕްގައި ހިމެނުމުގެ ފުރުސަތު މެގަ މޯލްޑިވްސް އަށް ލިބޭތީ އެކަމާ ފަހުރުވެރި ވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް