ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އެ ޤައުމަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 2 ށެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ޤައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ޤައުމަށް މަންފާކުރާނެ ތަރައްޤީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާނެ ކަމަށެވެ.
އަދި މި ދަތުރުފުޅުގައި، އެ މަނިކުފާނު ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާނެއެވެ.
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް