ތުއްތު ކުއްޖަކު މަރުވީ އައިޖީއެމްއެޗްގެ އިހުމާލުން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަމާއި ގުޅިގެން އެ ހޮސްޕިޓަލުން އަދި މިހާތަަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
ކުއްޖާގެ އާއިލާގެ ފަރާތުން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އަށް މަހުގެ ތުއްތު ފިރިހެން ކުއްޖަކު އައިޖީއެމްއެޗަށް ގެންދިޔައީ ރޯގާ ޖެހިގެން އެކަމަށް ފަރުވާ ހޯދަން ކަމަށާއި ގެންދިޔަ ފުރަތަމަ ދެ ތިން ދުވަހު، އައިޖީއެމްއެޗް އިން ދިން ފަރުވާއެއްގެ ސަބަބުން ކުއްޖާ އެއްކޮށް ހުން އައިސް ފުފުނު ކަމަށެވެ.
އެއީ އިންފެކްޝަނެއްގެ ސަބަބުން ހިނގި ކަމެއް ކަމަށާއި އާއިލާއިން ސުވާލު ކުރުމުންވެސް އިތުރު ތަފްސީލެއް އެ ކުއްޖާ ބެލި ޑޮކްޓަރުންނާއި ނަރުހުން ދީފައިނުވާ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އެ ޕޯސްޓުގައި އިތުރަށް ބުނީ ތިން ވަނަ އަށްވީ ދުވަހު އެ ކުއްޖާ ކޮންމެވެސް ވަރަކަށް ލޯހުޅުވައިގެން އޮންނަ ކަމަށާއި ނަމަވެސް ހުއްޓާނުލާ ރޮމުން ދިޔަ ކަމަށެވެ. އަދި ކުއްޖާގެ ހަށިގަނޑު ފުފުނީ ލިވާ އެންޒައިމް މަތިވެގެން ކަމަށް ކުއްޖާ ބެލި މެޑިކަލް އޮފިސަރު ބުނި ކަމަށާއި ނަމަވެސް ބަލި ހާލަތުގައި އޮތް އެ ކުއްޖާ ބެލުމަށް އެ ދުވަހާ ހަމަޔަށް ވެސް އައިޖީއެމްއެޗްގެ ކުޑަކުދީންނަށް ޚާއްސަ ޑޮކްޓަރަކު ގޮސްފައި ނުވާ ކަމަށް ޕޯސްޓުގައި ބުނެފައި ވެއެވެ.
ނަމަވެސް އެ ކުޑަކުއްޖާ އެނދުމަތިކުރިތާ 5 ވަނައަށްވީ ދުވަހު އާއިލާގެ ކަންބޮޑުވުންތަކާ ގުޅިގެން ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރަކު އެ ކުއްޖާ ބަލަން އައިސްފައިވާ ކަމަށާއި އަދި އެ ކުއްޖާގެ ލިވާ ފެއިލް ވަނީ ކަމަށް އެ ޑޮކްޓަރު ބުނެފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އަދި ވަގުތުން ބޭރަށް ފުރަން ޖެހޭ ކަމަށް އާއިލާއަށް އެ ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށާއި ބަންދާއި ދިމާވުމުން އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް ލިބުމުގައި ލަސްވެފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އެގޮތުން އެ ކުއްޖާ އެނދުމަތިކުރިތާ 6 ވަނަ އަށްވީ ދުވަހު ކުއްޖާ މަރުވެފައިވާ ކަމަށާއި އާސަންދަ ހަމަޖެހިފައިވަނީ ކުއްޖާ މަރުވި ފަހުން ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ހަމައެއާއެކު، މައިންބަފައިންގެ ނުރުހުމުގައި އައިޖީއެމްއެޗް އިން ފުރާނަނެތް އެ ތުއްތު ކުއްޖާއަށް ސީޕީއާރް ދިނުމުން ކަންފަތާއި އަނގައާއި ނޭފަތުން ލޭއައިސްފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
މިއީ އެތައް އިންތިޒާރަކަށްފަހު ލިބުނު އަލަތު ފިރިހެން ދަރިފުޅު އައިޖީއެމްއެޗްގެ އިހުމާލުން މި ދުނިޔެއާ ވަކިވެދިޔަގޮތް ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް