އދ. ގެ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ ވިދާޅުވެފައިވާ ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އިރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އިރާނަށް މަދު މަސްތަކެއްގެ ތެރޭގައި މުއްސަނދިކުރެވިފައިވާ ޔުރޭނިއަމް އުފެއްދުން އަލުން ފެށުމުގެ ޤާބިލުކަން ލިބިގެންވެއެވެ.
ގްރޮސީ ފާހަގަކުރެއްވި ގޮތުގައި، ބައެއް ނިއުކްލިއަރ އާލާތްތައް ހަލާކުނުވެ ހުރުމާއެކު، އިރާނަށް ކުރު މުއްދަތެއްގެ ތެރޭގައި މަދު ސެންޓްރިފިއުޖްތަކެއް އަލުން ހިންގަން ފެށިދާނެއެވެ. އަދި މީގެ އިތުރުން، އޭނާ އިންޒާރު ދެއްވާފައިވަނީ އިރާނުގެ ޔުރޭނިއަމް ރައްކާގެ ބައެއް ހަމަލާތައް ދިނުމުގެ ކުރިން އެހެން ތަނަކަށް ބަދަލުކުރެވިފައިވާ ކަމަށާއި، މިހާރު އެ ތަކެތި ހުރި ސަރަޙައްދު ކަނޑައެޅިގެން އެނގެން ނެތް ކަމަށެވެ.
މި މައްސަލައިގައި ޝާމިލުވާ ޔުރޭނިއަމް މުއްސަނދިކުރެވިފައިވަނީ 60% އަށެވެ. މިއީ މަދަނީ ބޭނުންތަކަށް ބޭނުންވާ މިންވަރަށްވުރެ މަތީ ނިސްބަތެއް ނަމަވެސް، ހަތިޔާރު އުފެއްދުމަށް ބޭނުންވާ ފެންވަރަކަށް ނުދާ މިންވަރެކެވެ. އެހެންނަމަވެސް، މިއަށްވުރެ އިތުރަށް މުއްސަނދިކޮށްފިނަމަ، 9 ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މި ޔުރޭނިއަމް ބޭނުންކުރެވިދާނެ ކަމަށް ބެލެވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ މި ހަމަލާތަކުން އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމް "އެތައް އަހަރުތަކަކަށް" ފަހަތަށް ޖެހިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް، ގްރޮސީ މިކަމާ ދެބަސްވެ ވިދާޅުވެފައިވަނީ އިރާނަށް ކުރު މުއްދަތެއްގެ ތެރޭގައި ނިއުކްލިއަރ ޕްރޮގްރާމް އަލުން އާރާސްތު ކުރުމުގެ ފުރުޞަތު އޮތް ކަމަށެވެ.
އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އިރާނުން ވަނީ އައިއޭއީއޭއަށް ދެމުންއައި އެއްބާރުލުން ވަގުތީގޮތުން މެދުކަނޑާލާފައެވެ. އަދި ފޯޑޯގައި ހުންނަ އެ ޤައުމުގެ މައި މުއްސަނދިކުރުމުގެ މަރުކަޒު ބަލައި ފާސްކުރުމަށް ގްރޮސީ އެދިވަޑައިގަތުމުން އެކަމަށް އިންކާރުކޮށްފައެވެ.
އައިއޭއީއޭ އިން ގޮވާލާފައިވަނީ ހަލާކުވެފައިވާ ތަކެއްޗާއި، ބާކީ ހުރި ތަކެއްޗާއި، އަދި ޔުރޭނިއަމް ސިއްރުން އެހެން ތަނަކަށް ގެންދެވިފައިވޭތޯ ކަށަވަރުކުރުމަށްޓަކައި އެ ތަންތަނަށް ވަދެވޭނެ ގޮތް ހަދައިދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް