ޗެލްސީ 4-1 އިން ބެންފިކާ ބަލިކޮށް ކްލަބް ވޯލްޑް ކަޕްގެ ކުއާޓާރ ފައިނަލުން ޖާގައެއް ކަށަވަރު ކޮށްފި

ޗެލްސީ 2025 ވަނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ. ބެންފިކާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން 4-1 އިން ޗެލްސީ މޮޅުވެފައިވަނީ އެކްސްޓްރާ ޓައިމްގައެވެ. މ...

29 Jun 2025 | 01:21

ޗެލްސީ 2025 ވަނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ. ބެންފިކާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން 4-1 އިން ޗެލްސީ މޮޅުވެފައިވަނީ އެކްސްޓްރާ ޓައިމްގައެވެ. މި މެޗަކީ މޫސުން ގޯސްވުމުގެ ސަބަބުން މެދުކެނޑުމާއި، ވީއޭއާރުގެ ޑްރާމާ އަދި ފަހު ވަގުތުގެ ގަދަކަން ފެނިގެން ދިޔަ މެޗެކެވެ.

ފުރަތަމަ ހާފުގައި ޗެލްސީ ވަރަށް ބޮޑަށް ޕްރެޝަރު ކުރި ނަމަވެސް، ބެންފިކާގެ ގޯލްކީޕަރު އަނަޓޯލީ ޓްރޫބިން ވަނީ ގިނަ ފަހަރު މަތިން ފާހަގަކޮށްލެވޭ ސޭވްތަކެއް ކޮށްފައެވެ. އަދި ޑިފެންޑަރު އަންޓޯނިއޯ ސިލްވާ ވެސް ވަނީ މާރކް ކުކުރެއްލާގެ ޖެހި ބޯޅައެއް ލައިނުން ސާފުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ސްކޯރ އޮތީ 0-0 ގައެވެ.

ދެވަނަ ހާފުގައި ޗެލްސީއަށް ފުރަތަމަ ގޯލު ޖަހައިދިނީ ރީސް ޖޭމްސްގެ ފްރީކިކަކުންނެވެ. ޗެލްސީއަށް ލިޔަމް ޑެލަޕްގެ ގޯލަކުން ދެވަނަ ގޯލެއް ލިބުނު ކަމަށް ހީވި ނަމަވެސް، އެ ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މެޗުގެ ޑްރާމާ އިތުރުވެގެން ދިޔައީ މެޗުގެ ފަސް މިނެޓު ބާކީ އޮއްވާ ވިދުވަރުގެ ސަބަބުން މެޗު މެދުކަނޑާލަން ޖެހުމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކުޅުންތެރިން ވަނީ ލޮކަރ ރޫމަށް ފޮނުވާލާފައެވެ. އަދި 30 މިނެޓުގެ މެދުކެނޑުމަކަށް ފަހު މެޗު އަލުން ފެށުނެވެ.

މެޗު އަލުން ފެށުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ބެންފިކާއަށް ވީއޭއާރުގެ އެހީގައި ޕެނަލްޓީއެއް ލިބުނެވެ. މިއީ އޮޓަމެންޑީގެ ހެޑަރުން ޗެލްސީގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. ވެޓެރަން އޭންޖަލް ޑި މަރިއާ ވަނީ އެ ޕެނަލްޓީ ހަމަޖެހިލައިގެން ގޯލަކަށް ބަދަލުކޮށްފައެވެ. މިގޮތަށް އޮވެ މެޗު ދިޔައީ އިތުރު ވަގުތަށެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި ޗެލްސީ އަނެއްކާވެސް ކުރިހޯދިއެވެ. މިފަހަރު ޓްރޫބިންގެ އޮޅުމަކުން މޮއިސޭސް ކައިސެޑޯގެ ޝޮޓެއް އޭނާގެ ގައިދަށުން ވަދެގެން ދިޔުމުން، ކްރިސްޓޮފަރ އެންކުންކޫ ވަނީ އެ ބޯޅަ ގޯލަކަށް ބަދަލުކޮށްފައެވެ.

މީގެ ފަހުން ލަންޑަނުގެ ޓީމު ދިޔައީ ފަހަތް ބެލުމެއް ނެތި ކުރިއަށެވެ. ޕެޑްރޯ ނެޓޯ ވަނީ ހަލުވި ކައުންޓަރ އެޓޭކަކުން ތިންވަނަ ގޯލު ޖަހާފައެވެ. އަދި ކިއަރނަން ޑިއުސްބަރީ-ހޯލް ވަނީ އިންޖަރީ ޓައިމްގައި ބެންފިކާގެ ދިފާޢީ ސަފު ފަހަނައަޅައި ގޮސް ހަތަރުވަނަ ގޯލު ޖަހާފައެވެ. މިގޮތުން މެޗު ނިމުނީ 4-1 އިން ޗެލްސީ މޮޅުވެގެންނެވެ.

ޗެލްސީ މުބާރާތުގެ ކުއާޓަރ ފައިނަލްގައި ކުޅޭނީ ޕަލްމެއިރާސްއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ޖުލައި 4 ވާ ހުކުރު ދުވަހުގެ ރޭ 10 ގައި (ބްރެޒިލް ގަޑިން) ފިލަޑެލްފިއާގައެވެ. މި މެޗުން މޮޅުވާ ޓީމު ސެމީ ފައިނަލްގައި ކުޅޭނީ އިންޓަރ މިލާން، ފްލްމިންސެ، މެންޗެސްޓަރ ސިޓީ ނުވަތަ އަލް-ހިލާލްގެ ތެރެއިން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ސެމީ ފައިނަލް ބޭއްވޭނީ ޖުލައި 8 ގައި ނިއު ޖާރސީގައެވެ. ކްލަބް ވޯލްޑް ކަޕްގެ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 13 ގައި، ހަމަ ނިއު ޖާރސީގައެވެ.

މުބާރާތުން ވަކިވެފާންޖެހުނު ބެންފިކާ ދެން ކުޅޭނީ ޕޯޗުގީޒް ސުޕަރ ކަޕްގައި ސްޕޯޓިންގ ސީޕީއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ޖުލައި 31 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް