ޤާނޫނާ ޚިލާފަށް އެތެރެކުރަން އުޅުނު ދެ މިލިޔަނެއްހާ ސިނގިރޭޓު އަތުލައިގެންފި

ޤާނޫނާ ޚިލާފަށް އެތެރެކުރަން އުޅުނު ދެ މިލިޔަނެއްހާ ސިނގިރޭޓު އަތުލައިގެންފައިވާކަމުގައި މޯލްޑިވްސް ކަސްޓަމްސްއިން ބުނެފިއެވެ. އެގޮތުން ކަސްޓަމްސް އިން މިއަދު ބުނެފައިވަނީ ކަސްޓަމްސްގެ އިޖުރާއަތުތައް ...

29 Jun 2024 | 17:15

ޤާނޫނާ ޚިލާފަށް އެތެރެކުރަން އުޅުނު ދެ މިލިޔަނެއްހާ ސިނގިރޭޓު އަތުލައިގެންފައިވާކަމުގައި މޯލްޑިވްސް ކަސްޓަމްސްއިން ބުނެފިއެވެ.

އެގޮތުން ކަސްޓަމްސް އިން މިއަދު ބުނެފައިވަނީ ކަސްޓަމްސްގެ އިޖުރާއަތުތައް ފުރިހަމަނުކޮށް، ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުޙުމަތުކުރެވިގެން ތަޙްޤީޤު ކުރަމުންދާ މައްސަލައެއްގައި ކޯޓް އަމުރުގެ ދަށުން، 2024 ޖޫން 24 ވަނަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި ފާސްކުރެވިފައިވާއިރު، މާލެ އާއި ހުޅުމާލޭ ގެ 4 (ހަތަރު) ތަނެއް 2024 ޖޫން 26 ވަނަ ދުވަހު ބަލައި ފާސްކުރެވުނު ކަމަށެވެ.

"މި ޚާއްޞަ އޮޕަރޭޝަނުގައި ޖުމްލަ 173 މާސްޓަރ ކާޓަން ނުވަތަ 1,731,597 ( އެއް މިލިއަން ހަތްސަތޭކަ ތިރީސް އެއްހާސް ފަސްސަތޭކަ ނުވަދިހަ ހަތެއް) ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވޭ، މިތަކެތީގެ އެފް.އޯ.ބީ އަގަކީ 1,600,596.00 (އެއްމިލިއަން ހަލައްކަ ފަސްސަތޭކަ ނުވަދިހަ ހައެއް) ދިވެހި ރުފިޔާ ކަމަށްވާއިރު، މިތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 (ފަހެއް ޕޮއިންޓް ހައެއް) މިލިއަން ދިވެހި ރުފިޔާ ދައުލަތައް ދައްކަންޖެހެއެވެ. ސިނގިރޭޓަކީ ޑިއުޓީގެ ގޮތުގައި ކޮންމެ ސިނގިރޭޓަކަށް 3 ރުފިޔާ އަދި އެފް.އޯ.ބީ އަގުގެ 25 އިންސައްތަ ނެގޭ މުދާ" ކަސްޓަމްސްއިން ބުނެފައިވެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ދެއްވަމުންގެންދަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުދަންނަވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ ކަސްޓަމްސްގެ މަސައްކަތްތައް މިއަދު ބައްޓަންވެފައިވަނީ ދުރާލާ ކަސްޓަމްސް އަށްލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑަރ ޕްރޮފައިލް އަށް ބިނާކޮށް ކަނޑައެޅޭ ހިރާސްގެ މިންވަރުތަކަށް ރިއާޔަތްކޮށް މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މައްޗަށް ކަމަށާއި މިގޮތުން ކަސްޓަމްސް އަށް ދުރާލާ ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ޤާނޫނާ ގަވާއިދާ ޚިލާފު ޢަމަލުތަކަށް ޝައްކުކުރެވޭ ހާލަތްތަކުގައި، މުދާ ކްލިއަރކުރުމުގެ ފުރުޞަތުދިނުމަށްފަހު، ޤާނޫނާ ގަވާއިދާ ޚިލާފު އަމަލުތައް ހިންގާ ނެޓްވޯކްތައް ހޯދާ އެފަރާތްތަކަށް ވާޞިލްވުމަށްޓަކައި އޮޕަރޭޝަންތައް ކުރިއަށްގެންދެވޭނެކަމަށެވެ.

މިގޮތަށް ހިންގޭ އޮޕަރޭޝަންތަކުގެ ތެރެއިން މިފަދަ މުދާ ގެންގޮސް ވައްދާ ތަންތަން ބަލައިފާސްކޮށް އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވޭކަމަށާއި އަދި އޮޕަރޭޝަންތަކުގައި ފާހަގަކުރެވޭ، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ތަކެތި އެތެރެކޮށް ބޭރުކުރާ ފަރާތްތަކުގެ މައްސަލަތައް ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހްޤީޤްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަޤީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް