ކުރީގެ އަނބިމީހާއަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ފުވައްމުލައް ސިޓީގެ ގެއެއްގެ ތެރެއަށް ވަދެ، ކުރީގެ ފިރިމީހާ އަންހެނަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަމާއި ގުޅިގެން އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި އެ އަންހެން މ...

29 Jun 2024 | 11:17

ފުވައްމުލައް ސިޓީގެ ގެއެއްގެ ތެރެއަށް ވަދެ، ކުރީގެ ފިރިމީހާ އަންހެނަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާއި ގުޅިގެން އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި އެ އަންހެން މީހާގެ ފޮޓޯ ވެސް ހިއްސާކޮށްފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އެ އަންހެން މީހާގެ މޫނު މައްޗަށް ވަނީ އަނިޔާތަކެއް ލިބިފައެވެ.

އެ ޕޯސްޓުގައި އެ މީހާ ބުނެފައިވަނީ، އެ އަންހެން މީހާއަށް ގެވެށި އަނިޔާކޮށް މާރާމާރީ ހިންގި މީހާއަކީ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައިގައި އެތައް ފަހަރަކު ހައްޔަރުވެސް ކޮށްފައިވާ މީހެއް ކަމަށެވެ.

ފުވައްމުލަކު ފުލުހުން ވަނީ އަނިޔާ ކުރި ސީނަށް ގޮސް ބަޔާން ނަގާފައި ކަމަށް ވެސް އޭނާ އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މާރާމާރީ ހިންގި މީހާ ވަނީ، އެ އަންހެން މީހާގެ އެއް ލޮލާ ދިމާލަށް ސައިކަލު ތަޅުދަނޑި ހަރާލާ، އެކި ވަރުގެ އަނިޔާތައް ކޮށްފައި ކަމަށް އެ ޕޯސްޓުގައި ބުނެފައިިވެއެވެ. އަދި އަންހެން މީހާގެ މުދަލާއި ސައިކަލަށް ވެސް އެމީހާ ގެއްލުން ދީފައިވާ ކަމަށް ވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، މިއަދު  ފުވައްމުލަކު ގެއެއްގައި ހިނގާ ދިޔަ ގެވެށި އަނިޔާ ކުރުމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވާކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ފިރެހެނަކު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މިކަމުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ދާ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.މިކަމާ ގުޅިގެން ހައްޔަރު ކުރި މީހާގެ މައުލޫމާތު ފުލުހުން އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް