މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ ނިޔާވި، ށ.ފުނަދޫ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުޙައްމަދު ޖަމީލްގެ ހަށިގަނޑުން ފެންނަ ނިޝާން ތަކަކީ މަރުވުމަށް ފަހު ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން އައިސްފައިވާ ނިޝާން ތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިކަމާއި ގުޅިގެން މިހާރު ކުރިއަށް ގެންދާ ނޫސްވެރިކަމުގެ ބައްދަލުވުމުގައެވެ.
ސޯސަލް މީޑިޔާގައި ޖަމީލްގެ ހަށިގަނޑަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ދޭހަވާ ގޮތަށް ދައުރު ވަމުންދާ ފޮޓޯ ތަކަކާއި ގުޅިގެން ފުލުހުން ބުނީ ، އެ ފޮޓޯ ތަކުން ފެންނަ ނިޝާން ތަކަކީ މީހަކު އަނިޔާއެއް ކޮށްގެން އައިސްފައިވާ ނިޝާން ތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެއީ އިންސާނާ މަރުވުމަށް ފަހު ހަށިގަނޑަށް އަންނަ ބަދަލުތަކާއި ގުޅިގެން އައިސް ފައިވާ ނިޝާން ތަކެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ޖަމީލްގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުމުގެ ކުރިން ކަމާ ބެހޭ ފަރާތަކުން އަދި ޑޮކްޓަރުން ވަނީ ޖަމީލްގެ ހަށިގަނޑު ބަލާ އިތުރަށް ބަލަން ޖެހޭ ފަދަ ކަމެއް، ނިޝާނެއް ފެންނަން ނެތް ކަމުން އާއިލާއާ ހަވާލުކޮށް ވަޅުލުމުގެ ހުއްދަ ދީފައެވެ.
އެހެން ނަމަވެސް އާއިލާއާއި ހަވާލުކުރުމަށް ފަހު ހިނެވުމުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ސޯސަލް މީޑިޔާގައި ހަށިގަނޑަށް މީހަކު އަނިޔާ ކޮށްފައި ކަމަށް ބެލެވޭ ޒާތަކަށް ފޮޓޯ ހިއްސާ ކުރަމުން ދާތީ ޖަމީލްގެ ހަށިގަނޑު ފުލުހުން އިތުރަށް ތަހުގީގު ކުރުމަށް ނިންމާ އޮޓޮޕްސީ ހެދުމަށް އާއިލާ ފަރާތުން ތަކުރާރުކޮށް އެދުމުންވެސް އާއިލާއިން ވަނީ އެކަމަށް އިންކާރު ކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވަނީ ، އާއިލާއިން ބޭނުންވާ ގޮތަކަށް ކަން ކުރުމަށް ފުލުހުންނަށް އިންސްޓްރަކްޝަން ދީފައި ކަމުން އިތުރަށް ޖަމީލްގެ ހަށިގަނޑު ތަހުގީގު ނުކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ.
ފުލުހުން ބުނީ، ޖަމީލްގެ ހަށިގަނޑުން ފެންނަ ނިޝާން ތަކަކީ އިންސާނާ މަރުވުމާ ގުޅިގެން ތަނާއި ޓެމްޕަރެޗާގެ ސަބަބުން ހަށިގަނޑުގެ ކުލައަށް އައިސްފައިވާ ބަދަލުތަކެއް ކަމަށެވެ.
އަދި އެއީ މީހެއް ފަރާތުން ލިބިފައިވާ އަނިޔާތަކެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް