ޔުނީފޯމު ވިއްކާލި މައްސަލަ: ދެމީހެއްގެ ބަންދަށް ފަސް ދުވަސް، 11 މީހަކު ޝަރީއަތް ނިމެންދެން ބަންދު

ޤައިދީންނާއި ކުށްވެރިންނަށް އުސޫލުތަކުން ބޭރުން ކަންކަން ކޮށްދީގެން ނުހައްގު މުއްސަނދިކަން ހޯދި ކަރެކްޝަންސްގެ އޮފިޝަރުންގެ ތެރެއިން މިހާތަނަށް ހައްޔަރުކުރި 13 މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ....

29 Jun 2024 | 07:57

ޤައިދީންނާއި ކުށްވެރިންނަށް އުސޫލުތަކުން ބޭރުން ކަންކަން ކޮށްދީގެން ނުހައްގު މުއްސަނދިކަން ހޯދި ކަރެކްޝަންސްގެ އޮފިޝަރުންގެ ތެރެއިން މިހާތަނަށް ހައްޔަރުކުރި 13 މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

އެގޮތުން މިއަދު ފުލުހުން ބުނީ އެ 13 މީހުންގެ ތެރެއިން ދެމީހެއްގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާއިރު އަނެއް 10 މީހުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން މުއްދަތު ދީފައިވާކަމަށެވެ.

މި މައްސަލައިގެ މަޢުލޫމާތު ހާމަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  ފުލުހުން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ގައިދީންނަށް ނުކިއްސަރު ކަންކަން ކޮށްދީގެންނާއި ކުށްވެރިންނަށް މަންފާވާނެހެން ކަންކަން ކޮށްދީގެން ކަރެކްޝަންސްގެ 18 މުވައްޒަފަކު ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާކަމަށާއި އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިޔަނާއި ހަމައަށް ފައިސާ ވަދެފައިވާއިރު ޖުމުލަ އަދަދު 73.6 މިލިޔަނަށް އަރާކަމުގައިވެސް ރޭގައި ފުލުހުން ބުންޏެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ސިފަކުރެއްވީ އެ 18 މުވައްޒަފުންނަކީ ޔުނީފޯމު ވިއްކާލި މުވައްޒަފުންތަކެއްގެ ގޮތުގައެވެ.

މައްސަލައިގާ 18 މީހަކު ހިމެނޭކަން ހާމަކޮށްފައިވާއިރު އަދި ހައްޔަރުކޮށްފައިވަނީ 13 މީހެކެވެ. ބާކީ ފަސް މީހުންނާއި ގުޅޭގޮތުން ފުލުހުން އަދި މަޢުލުމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް