މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ ނިޔާވި، ށ. ފުނަދޫ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުޙައްމަދު ޖަމީލްގެ ހަށިގަނޑު ކަފުންކޮށް ވަޅުލައިފިއެވެ.
ކަށުކަމާކެމީގެ ކަންކަން ނިންމައި ކަށުނަމާދަށްފަހު ޖަމީލް ވަޅުލާފައިވަނީ ހުޅުމާލޭ ސަހަރާގައެވެ.
ޖަމީލްގެ ހަށިގަނޑު ވަޅުލާފައިވާއިރު ޖަމީލުގެ ހަށިގަނޑުގައި އަނިޔާތަކެއްގެ ނިޝާންތައް ފެންނަ މަންޒަރު ހިމެނޭ ފޮޓޯތަކެއް އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އަދި ޖަމީލްގެ މަރަކީ ތަބީޢީ މަރެއްކަމާއިމެދު ގިނަ ބަޔަކު ޝައްކުގެ ނަޒަރުން ބަލާފައިވެއެވެ.
ޖަމީލްގެ މަރާއިމެދު ޝައްކު އުފައްދާތީ ޖަމީލްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ރޭގައި ހާމަކުރެއްވިއެވެ.
އެހެންނަމަވެސް ޖަމީލްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނުހަދައި މިއަދު ވަޅުލާފައިވަނީ ޢާއިލާއިން އެކަމަށް އިންކާރުކުރުމުން ކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ.
ޖަމީލްގެ ޖަނާޒާގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާންއާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް