އެޓްލާންޓިކް ކަނޑުގެ އަޑީގައި އޮތް ޓައިޓޭނިކް ބަލައިލަން ފަސް ޕަސިންޖަރުންނާއެކު ކުރި ދަތުރުގައި "އިމްޕްލޯޑް" ވި ސަބްމާސިބަލްގެ ބައެއް ބައިތަކާއި އޭގެން ދަތުރުކުރި ޕަސިންޖަރުންގެ ހަށީގެ ބައެއް ބައިތައް ކަމަށް ބެލެވޭ ބައިތަކެއް ފެނުން މައްޗަށް ނަގައިފިއެވެ.
ބައެއް ތަކެތި ފެނުން މައްޗަށް ނަގާފައިވަނީ ކެނެޑާގެ ޕޯޓް ސިޓީއެއް ކަމުގައިވާ އެސްޓީ ޖޯންސް ނިއުފައުންޑް ލޭންޑަށެވެ.
ސަބްމާސިބްލް ޓައިޓޭންގެ ބައެއް ބައިތަކާއި އިންސާނުންގެ ބައެއް ބައިތައް ފެނުން މައްޗަށް ނަގާފައިވާއިރު ޓައިޓޭންގެ ބައެއް ތަކެތި ފެނުނު ސަރަހައްދުން އިންސާނުންގެ ހަށިގަނޑުގެ ބައެއް ބައިތައް ފެނުނުކަން އެމެރިކާގެ ކޯސްޓްގާޑުން އިއްޔެ ހާމަކުރިއެވެ. މިކަން ހާމަކުރަމުން ބުނެފައިވަނީ އެ ސަރަހައްދުން އިންސާނުންގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ބައެއް ބައިބައި ފެނިފައިވާކަމަށާއި ފެނުން މައްޗަށް އެތަކެތި ނެގުމަށްފަހު ތަހުލީލުތައް ކުރާނެ ކަމަށެވެ.
ސަބްމާސިބްލް ޓައިޓޭން، ފަސް ޕަސިންޖަރުންނާއެކު ޓައިޓޭނިކް ބަލައިލުމުގެ ދަތުރު ފެށީ މި މަހުގެ 18 ވީ އާދީއްތަ ދުވަހުގައެވެ. އެ ދަތުރު ފެށިތާ 45 ވަރަކަށް މިނެޓުގެ ތެރޭގައި އެ ސަބްމާސިބްލްގެ މައި އުޅަނދާއި މުއާމަލާތް ކެނޑި "އިމްޕްލޯޑް" ވީ ކަމަށް ފަހުން ބަލާފައިވެއެވެ.
އެ ސަބްމާސިބްލް އިން ދަތުރުކުރި ފަސް ޕަސިންޖަރުން ކަމުއިގާ މަހުޖަނު ހާމިޝް ހާޑިންގ އާއި ޓައިޓޭނިކް ދިރާސާކުރާ ޕައުލް-ހެންރީ ނާގިއޮލެޓް، ވިޔަފާރިވެރިޔާ ޝަހްޒާދާ ދާއޫދު އަދި އޭނާގެ ދަރި ސުލެމާން ދާއޫދު އަދި ސަބްމާސިބްލް ނިސްބަތްވާ އޯސަންގޭޓް އެކްސްޕެޑީޝަންސްގެ ސީއީއޯ ސްޓޮކޮން ރޮޝް ހިމެނެއެވެ.
އެ ޕަސިންޖަރުންނާއި ސަބްމާސިބްލް ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ހިންގިއެވެ.
ސަބްމާސިބްލް "އިމްޕްލޯޑް" ވީ ކަމާއި އޭގެން ދަތުރުކުރި ފަސް ޕަސިންޖަރުންވެސް މަރުވީކަން ކަށަވަރުވީ އެ އޮޕަރޭޝަނަށް ތިން ދުވަސް ވީ ފަހުންނެވެ.
"އިމްޕްލޯޑް" ވުމަކީ ގޮވުމުގެ ދިމާ އިދިކޮޅެވެ. "އިމްޕްލޯޑް" ވީ އެ ސަބްމާސިބްލް ކޮންޓްރޯލް ގެއްލި ބާރު ސްޕީޑްގައި އަޑިއަށް ގޮސް އޭގެ އެތެރޭގެ މާހައުލަށް ބޭރުގެ ޕްރެޝަރަށް ނުކަތާވަރުވެ ސިކުންތުކޮޅެއްގެ ތެރޭގައި ސަބްމާސިބްލް ފިތި ފުނޑުފުނޑުވެގެން ކަމުގައި އަންދާޒާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް