ދުނިޔޭގެ މީޑިއާތަކުގެ ފަލަ ޝުރުޚީތަކުގައި މިވަގުތު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އަކީ މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަކެވެ.
އެގޮތުން މީޑިއާތަކުގައި ވާހަކަ ދެކެވޭ ގޮތުގައި ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް ވަނީ ރޮނާލްޑޯއަށް ރަނގަޅު ކުލަބެއް ހޯދުމުގެ މަސައްކަތް ވެސް ފަށާފައެވެ. އެގޮތުން ޔޫރަޕުގެ ބައެއް ބޮޑެތި ކުލަބުތަކާއި އެކު މެންޑޭސް ވަނީ މަޝްވަރާތައް ވެސް ފަށާފަކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތަކުގައި ވާގޮތުން މެންޑޭސް ވަނީ މިހާތަނަށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އިނގިރޭސި ކުލަބު ޗެލްސީގެ އިތުރުން އިޓަލީގެ ޔުވެންޓަސް އާއި އެކު މަޝްވަރާތައް ވެސް ކޮށްފައެވެ.
ރޮނާލްޑޯ ހޯދުމަށް ބަޔާންއިން ވެސް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް ބުނެ މީޑިއާތަކުގައި އަޑުފެތުރިފައިވާއިރު، ބަޔާންގެ ފަރާތުން ވަނީ މީޑިއާގައި ދެކެވޭ މި ވާހަތަކަކަކީ އެއްވެސް ހަޤީޤަތެއް ނެތް ދޮގުވާހަކެއް ކަން ހާމަކޮށްފައެވެ.
ރިޕޯޓުތަކުގައި ބުނާ ގޮތުން ބަޔާނުން ރޮނާލްޑޯ ހޯދުމަށް ޝައުޤުވެރިވަނީ އެ ކުލަބުގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީގެ ބަދަލުގައެވެ. މި ސީޒަނަށް ފަހު ލެވެންޑޯސްކީ ބަޔާން ދޫކޮށްލަން ބޭނުންވާ ކަން ހާމަކޮށްފައިވާއިރު، ބަޔާނުން މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ބަދަލުގައި ރަނގަޅު ފޯވާޑެއް ހޯދުމަށެވެ. އެގޮތުން ލެވެންޑޯސްކީގެ ބަދަލު އެ ކުލަބަށް އެންމެ އެކަށީގެންވާ ކުޅުންތެރިން އަކީ ރޮނާލްޑޯ ކަމަށް ބުނެ ބަޔާނުން ރޮނާލްޑޯ ގެނައުމަށް މަޝްވަރާތައް ކޮށްފައިވާ ކަމަށް ބުނެ ރިޕޯޓުތަކުގައި ވަނީީ ޚަބަރު ފަތުރާފައެވެ.
ރޮނާލްޑޯގެ ޓްރާންސްފާ އާއި ގުޅޭގޮތުން ބަޔާނުން ބުނެފައިވަނީ އެ ކުލަބުގެ ފޯވާޑް ލެވެންޑޯސްކީ އެހެން ކުލަބަކަށް ބަދަލުވި ނަމަވެސް އޭނާގެ ބަދަލު ރޮނާލްޑޯ ކުލަބަށް ގެނައުމަށް މަސައްކަތް ނުކުރާނެ ކަމަށާއި ސަބަބަކީ ރޮނާލްޑޯގެ އުމުރު މާބޮޑަށް ދޮށިވުމުންކަމަށެވެ.
ބަޔާންގެ ރައީސް ހާބަޓް ހައިނާ ބުނީ ލެވެންޑޯސް ކީ ކުލަބު ދޫކޮށް ދިޔަނަމަވެސް އެކުލަބުން ރޮނާލްޑޯ ނުގެންނާނެ ކަމަށާއި އަދި އެކަމުގެ އެއްވެސް މަޝްވަރާއެއް މިހާތަނަށް ކުރެވިފަވެސް ނުވާކަމަށެވެ. ހައިނާ ބުނީ ރޮނާލްޑޯ އަކީ މިހާރު މާ މުސްކުޅި ކުޅުންތެރިއެއް ކަމަށާއި، ބަޔާންއަށް ގެންނަން ރޮނާލްޑޯ ކަމު ނުދާކަމަށެވެ.
" އަހަރެންމެން ރޮނާލްޑޯ ބަޔާން އަށް ގެނައުމަށް މަސައްކަތެއް ނުކުރަން. އަދި އެކަމާއި މަޝްވަރާއެއް ވެސް ނުކުރަން. ރޮނާލްޑޯ އަކީ މިހާރު މާ މުސްކުޅި ކުޅުންތެރިއެއް. އަހަރެމެން ރޮނާލްޑޯ ބޭނުމެއް ނުވޭ." ބަޔާންގެ ރައީސް ހާބަޓް ހައިނާ ބުންޏެވެ.
ރޮނާލްޑޯޯ މުސްކުޅިކަމަށް ބަޔާން އިން ބުނި ނަމަވެސް ރޮނާލްޑޯގެ ތަޖުރިބާއާއި ހުނަރުން އެކަން ފާހަގަނުކުރެވޭ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ. އެންމެ ފަހުން ނިމިގެެން ދިޔަ ސީޒަނުގަައި ޔުނައިޓެޑުގައި ރޮނާލްޑޯ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްްކާފައެވެ. އޭނާ ވަނީ ނިމިގެން ދިޔަ ސީޒަނުގައި ޔުނައިޓެޑަށް ކުޅުނު 38 މެޗުގައި 24 ގޯލު ވެސް ޖަހައިދީފައެވެ.
ބަޔާނުން ރޮނާލްޑޯ މުސްކުޅި ކަމަށް ބުނެފައިވާއިރު، މިއީ އެކު ކުލަބުން ރޮނާލްޑޯއަށް ނިސްވަތް ކޮށް މި މޭރުމުން ވާހަކަ ދެއްކި ދެވަނަ ފަހަރެވެ. މީގެ ކުރިން ވެސް ބަޔާނުން ވަނީ ރޮނާލްޑޯ އެކުލަބަށް ބަދަލުވާން އުޅޭކަމަށް މީޑިއާގައި ދެކެވުނު ވާހަކަތަކާއި ގުޅިގެން މިފަދަ ގޮތަކަށް ވާހަކަތައް ދައްކާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް