1443 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިރޭ ފުރާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ހަމަޖައްސާފައިވާއިރު މިރޭ ވެސް ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސްޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް ބޭފުޅުން ތިއްބަވާނެ ކަމަށެވެ.
މިރޭ ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން 24 ޕޮއިންޓެއް ވަނީ ކަނޑައަޅާފައެވެ. މި ޕޮއިންޓްތަކުގެ ތެރެއިން މާލޭގައި ބަސްތަކުގެ ދަތުރުތައް އޮންނާނީ މަޖީދީމަގު، ފަރީދީމަގު، އަމީނީމަގު އަދިބޮޑުތަކުރުފާނުމަގު ގައެވެ.
މި ޕޮއިންޓްތަކުގެ ތެރެއިން މަޖީދީމަގުގައި 9 ބަސް، ފަރިދީމަގާއި، އަމީނީމަގާއި، ބޮޑުތަކުރުފާނު މަގުގައި 3 ބަސް އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ހުޅުމާލެ ފޭސް 1 ގައި 4 ވެހިކަލް، ހުޅުމާލެ ފޭސް 2 ގައި 2 ވެހިކަލް އަދި ވިލިމާލޭގައި އެމްޓީސީސީގެ 1 ފެރީ ޙައްޖުވެރިންނަށް ޚާއްސަކޮށް އޮންނާނެ ކަމަށެވެ. ހުރިހާ ބަހެއްގެ ދަތުރު ވެސް މިރޭ ފަށާނީ ރޭގަނޑު 19:10 އިން ފެށިގެން ކަމަށާއި އެހެންނަމަވެސް ވިލިމާލެއިން ޙައްޖުވެރިންނަށް ޚާއްސަ ފެރީގެ ދަތުރު ފަށާނީ ރޭގަނޑު 19:15 ގައި ކަމަށް ބުންޏެވެ.
ޙައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދާއިރު، މި ބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޓްރެފިކް ބަލަހައްޓާއިރު، ބްރިޖް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުން ކުރިއަށްދާނީ މެނުއަލްކޮށް ފުލުހުން ތިބެގެން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ޙައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއަރޕޯޓްތެރެއިން ވެސް ކަމާގުޅޭ މުއައްސަސާތަކުން ދާނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިރޭ ޙައްޖުވެރިންގެ ފްލައިޓް ފުރާނީ ރާއްޖެގަޑިން 23:30 ގައި ކަމަށާއި ސައުދީ އެއަރލައިންއިން ޙައްޖުވެރިންގެ ދަތުރު ހަމަޖެހިފައިވާއިރު މިރޭ 175 ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް