ގާތްގަނޑަކަށް 5 މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒަރވް ހުންނާނެ: ފިނޭންސް މިނިސްޓަރ

ގާތްގަނޑަކަށް 5 މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒަރވް ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ރިޒަރވްގައި އަސާސީ ޚިދުމަތްތަކަށް ކާޑާއި ބޭހާ ތެލަށް ފައި...

29 Jun 2022 | 07:17

ގާތްގަނޑަކަށް 5 މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒަރވް ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރިޒަރވްގައި އަސާސީ ޚިދުމަތްތަކަށް ކާޑާއި ބޭހާ ތެލަށް ފައިސާ ހުރި މިންވަރު ސާފުކުރުމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ލިޔުމުން ޖަވާބު ހޯއްދެވުމަށް ހުށައެޅުއްވި ސުވާލަށް، މަޖިލީހަށް ފޮނުއްވި ޖަވާބުގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ ބޭރު ފައިސާގެ ރިޒަރވްގެ ތެރެއިން ސަރުކާރަށް ބޭނުން ކުރެވޭ ފައިސާ އަކީ މިވަގުތު އެމްއެމްއޭ އިން ޝާޢިއުކުރާ ނަންބަރެއް ނޫން ކަމަށެވެ.

"އެހެން ނަމަވެސް ލިބެން ހުރި މައުލޫމާތައް ބަލާ ފިނޭންސް މިނިސްޓްރީއަށް އަންދާޒާކުރެވޭ ގޮތުގައި މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި، ތެލާއި، ބޭހުގެ އިމްޕޯޓުގެ ގާތްގަނޑަކަށް 5 މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒަރވް ހުންނާނެ." މަޖިލީހަށް، ފިނޭންސް މިނިސްޓަރ ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒަރވް މެނޭޖްކުރުން ޤާނޫނީގޮތުން ހަވާލުކުރެވިފައިވަނީ އެމްއެމްއޭ އަށް ކަމަށާއި ރިޒަރވްގެ ތަފާސް ހިސާބުތައް ބަލަހައްޓައި އަންދާޒާތައް ތައްޔާރުކުރުމަކީ ވެސް އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު އެމްއެމްއޭ އިން ހޯދުމަށް ވެސް ފިނޭންސް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

މިނިސްޓަރ ގެ އެ ޖަވާބާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ޖަވާބުގައި އުނި ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެވޭ ކަމަށާއި މާލީ ކަންކަމަކީ ފިނޭންސް މިނިސްޓަރާއި ހަވާލުކޮށްފައިވާ ކަންތައްތައް ކަމަށެވެ. އަދި ޤާނޫނުން ވެސް އެކަންތައްތައް ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓަރާ ކަމަށެވެ.

އެހެންވެ، އަލުން ޖަވާބު ފޮނުވުމަށް ރައިސް ނަޝިދު ވަނީ ފިނޭންސް މިނިސްޓަރަށް އަންގަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް