އަންނަ އަހަރު ބާއްވާ ރިޔާސީ ރޭހުގައި ޖޭޕީގެ ކެންޑިޑޭޓަކު ފެންނާނެކަމުގެ ޢިޝާރާތެއް ލީޑަރ ގާސިމް އިބްރާހިމް ކުރައްވައިފިއެވެ.
"ތައްޔާރު" ގެ ނަމުގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދައިގެން މަސައްކަތްކުރުމުގެ ބޭނުމަކީ ރިޔާސީ އިންތިޚާބަކަށް ކުރިމަތިލާން ނުވަތަ އެދުވަސް އަންނައިރު އިންތިޚާބަށް ކުރިމަތިލާން ޖެހޭނެކަމަށް ގަބޫލުކޮށްގެން ކަމަށެވެ.
ޖުމްހޫރީ ޕާޓީން ވެސް މަސައްކަތްކުރާނީ އެޕާޓީގެ ޓާގެޓް ހާސިލްކުރުމަށްޓަކައި ކޮންގްރެސްގެ ނިންމުންތަކުގެ ތެރެއިން އެކަން ކުރުމަށް ކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބުގައި ބައިވެރިވާނީ ޖުމްހޫރީ ޕާޓީން ވަކިންތޯ ނުވަތަ ކޯލިޝަނެއްގެ ތެރެއިންތޯ ނިންމާނީ ކޮންގްރެސް އިން. އިންތިޚާބަށް މީހަކު ނުނެރުމަށް ކޮންގްރެސް އިން ނިންމާފާނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ގާސިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ އެ ޕާޓީގެ ހުރިހައި ކަންތައް ވެސް ކުރިއަށްދަނީ އަދި ދާނީވެސް ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ކަމަށެވެ. އަދި ޕާޓީގެ ނިންމުންތަކަކީ އެ ޕާޓީގެ ކޮންގްރެސް އިން ނިންމާ ނިންމުންތަކެއް ކަމަށެވެ.
މީގެ އިތުރުން އެންމެފަހުން ބޭއްވި ޕާޓީގެ ކޮންގްރެސްގައި އިންތިޚާބަށް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނަމަވެސް، މި ނިންމުމަކީ ކުރިއަށް ހުރި ކޮންގްރެސް ބައްދަލުވުންތަކުގައި ބަދަލު ގެނެވޭނެ ނިންމުމެއް ކަމަށާއި އެ ބާރު ކައުންސިލަށް އޮންނާނެކަން ގާސިމް އިބްރާހިމް ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި މަލްޓީ ޕާޓީ ސިސްޓަމުން ވެރިކަން ކުރަން ފެށިފަހުން މިހައިތަނަށް 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަނީ ވާދަކޮށްފައެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް