ރާއްޖެއިން ފުރާ ފަސިންޖަރުންގެ އަތުން ނަގާ މިހާރު ނަގާ އެއާޕޯޓު ޓެކްސްގެ ނަން ބަދަލުކޮށް އަންނަ އަހަރުން ފެށިގެން ނަގާއިރު ބިދޭސީންގެ ފީ ބޮޑު ކުރަން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.
ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރެއްގެ އަތުން ޓެކްހާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. އެ ބިލު މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ނިންމައި އެކުލަވާލި ރިޕޯޓަށް މުޅި މަޖިލީހުގެ ކޮމެޓީގައި މިއަދު ވަނީ ބަހުސްތައް ކުރިއަށް ގެންގޮސްފަ އެވެ.
އިގްތިސޯދީ ކޮމެޓީން ނިންމި ގޮތަށް ބިލު ފާސް ކުރަން މުޅި މަޖިލީހުގެ ކޮމެޓީގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 43 މެމްބަރަކު ވޯޓުދެއްވި އެވެ. އަދި ނުފެންނަކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.
ބިލު އިސްލާހު ކުރުމަށްފަހު ކޮމިޓީން ގެނެސްފައިވަނީ މަދު އިސްލާހެކެވެ.
އޭގެ ތެރޭގައި ހިމެނެނީ ބިލު ހުށަހެޅި އިރު ޓެކްސް ނަގަން ފަށަން ކަނޑައަޅާފައި އޮތީ މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ކަމަށްވާތީ އެ ތާރީހު ބަދަލު ކުރުމެވެ. ކޮމިޓީން ފާސްކޮށްފައިވަނީ އެ ތާރީހު އަންނަ އަހަރުގެ ޖެނުއަރީ އެކަކަށް ބަދަލު ކުރުމެވެ.
ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގާ ފައިސާގެ އަދަދުތައް
އިކޮނޮމީ ކްލާސް: ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު.
ޕްރައިވެޓް ޖެޓް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 ޑޮލަރު.
މި ޑިޕާޗާ ޓެކްސް ނަގަން ނިންމި ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން ދެ އަހަރު ނުވާ ކުޑަކުދިންގެ އަތުން އެ ޓެކްސް ނުނަގާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް