މާލެ ސަރަހައްދުގެ ކާފިއު ވަގުތު ރޭގަނޑު 8:00 ން ފަތިހު 4:00 އަށް ބަދަލު ކޮށްފި އެވެ.
އެ ނޫން ވަގުތު ތަކުގައި އާންމުކޮށް ބޭރުގައި އުޅުމުގެ ހުއްދަ ދިނުމުގެ އިތުރުން ހުރިހާ ވިޔަފާރިއެއް ހުޅުވާލަން ވަނީ ނިންމާފަ އެވެ. މި ބަދަލުތަކަށް އަމަލު ކުރަން ފަށާނީ ޖުލައި އެއް ވަނަ ދުވަހުން ފެށިގެންނެވެ،
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން ކާފިއު ވަގުތު ނޫން ވަގުތު ތަކުގައި ފުލުހުން މެދުވެރިކޮށް ހުއްދަ ނުނަގައި އާންމުކޮށް ބޭރަށް ނުކުމެ އުޅެވޭނެ ކަމަށެވެ. އަދި އާންމު ހުރިހާ ހިދުމަތްތައް ހޯދުމަށް ހުޅުވާލާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށޭނެ ކަމަށެވެ.
މި ލުއިތައް ދޭން ނިންމާފައިވަނީ މާލެ ސަރަހައްދުގެ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ އެވެ.
ވޭތިވެދިޔަ ތިން ދުވަހަށް ބަލާއިރު މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 50 އަށްވުރެ މަދު މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް