އިކީއާ ބްރޭންޑުގެ ފަރުނީޗަރާއި ޒީނަތްތެރިކުރާ ސާމާނު ހޯދަން އިންތިގާލީ އިންސާފުގެ އޮފީހުން ބީލަމަށް ހުޅުވާލައި ކުރި އިއުލާނު ބާތިލުކޮށްފި އެވެ.
މި މަހުގެ 22 ވަނަ ދުވަހު އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ، އެކި ވައްތަރުތަކުގެ މޭޒާއި، ގޮނޑި އާއި ބޮތްކާއި ކަބަޑު ހޯދަން އިއުލާނު ކޮށްފަ އެވެ. އޭގެ އިތުރުން، ޒީނަތްތެރި ކުރަން، އެކި ބާވަތްތަކުގެ އާޓިފިޝަލް ގަސްތަކާއި، ފާރުގައި ހަރުކުރާ ތަސްވީރުތައް ހޯދަން ހިމަނާފައިވެ އެވެ.
އެ އޮފީހުން ހޯދަން އިއުލާނު ކުރި ތަކެއްޗަކީ އައިކީއާ ބްރޭންޑުގެ ތަކެއްޗަށް ވާއިރު އެ ތަކެތީގެ ނަމާއި، ކެޓަލޮގް ނަމްބަރުތައް ވެސް އިއުލާނާއެކު އާންމު ކުރި ލިސްޓުގައި ހިމެނެ އެވެ.
އައިކީއާއިން ވިއްކާ ތަކެއްޗަކީ ބާޒާރުގައި ވިއްކާ އެހެން ތަކެއްޗަށް އަގުބޮޑު ތަކެއްޗަށް ވާތީ އާއި މި ބާވަތުގެ ތަކެތި ގަންނަނައިރު ވަކި ބްރޭންޑަކުން ވަކި ސްޕެސިފިކޭޝަނެއް ދީގެން ތަކެތި ގަތުމަކީ މާލިއްޔަތު ގާނޫނީ ފުށުއަރާ ކަމަކަށް ވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ.
އެނގިފައިވާ ގޮތުގައި، އިއުލާނު ބާތިލު ކުރީ އެ އިލާނާ ގުޅިގެން އެ އޮފީހަށް ލިބުނު ޝަކުވާތައް ބެލި ބެލުމުން، ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފު ކަންތައްތަކެއް އެ އިއުލާނުގައި ހުރިކަން ފާހަގަކުރެވިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް