އެއާޕޯޓު ބިމުގެ މައްސަލައިގަ ހަނިމާދޫ ކައުންސިލުން ކްލަބްހައުސް މެދުވެރިކޮށް ރައްޔިތުންނާއި ބައްދަލު ކުރަނީ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރުކުރާ ބިމާބެހޭ ގޮތުން އެ ރަށު ކައުންސިލުން ރައްޔިތުންނަށް މައުލޫމާތު ދޭން ނިންމައިފި އެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައި އެވެ. ...

29 Jun 2021 | 09:09

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރުކުރާ ބިމާބެހޭ ގޮތުން އެ ރަށު ކައުންސިލުން ރައްޔިތުންނަށް މައުލޫމާތު ދޭން ނިންމައިފި އެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައި އެވެ. ބައްދަލުވުން ކުރިޔަށް ގެންދަން ނިންމާފައިވަނީ ސޯޝަލް މީޑިއާ އެޕް ކްލަބްހައުސް މެދުވެރިކޮށެވެ.

އެ ބިން ސަރުކާރަށް ދިނުމާއި މެދު ގޮތެއް ނިންމާނީ ރައްޔިތުންނާއި އެކު ބާއްވާ މި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް އެ ކައުންސިލުން މައުލޫމާތުދެ އެވެ.

ފިނޭންސް މިނިސްޓްރީން ހަނިމާދޫ ކައުންސިލްގައިި އެދިފައިވަނީ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރަން އެ ރަށުގެ އެއާޕޯޓް ސަރަހައްދުން 853،937 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ދިނުމަށެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ މާޗް މަހު އެކަމަށް އެދި ސިޓީ ފޮނުވި އިރު މިދިޔަ ކައުންސިލް ދައުރު ނިންމާލީ އެކަމާއި މެދު ގޮތެއް ނުނިންމަ އެވެ.

ހަނިމާދޫން ބޮޑު ސަރަހައްދެއް ދިނުމަށް ޕްލޭނިން މިނިސްޓްރީން އެދިފައިވާއިރު އެކަން ނުކުރުމަށް އެދި އެ ރަށުގެ ބައެއް ޖަމިއްޔާތައް ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ވަނީ ސިޓީ ފޮނުވައިފަ އެވެ. އެއީ އެ ރަށު ޒުވާނުންގެ ޖަމިއްޔާ އާއި ސާއްބަ އެކުވެރި ކްލަބާއި ކެތިއަރާ ޖަމިއްޔާއިންނެވެ.

ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން ފަންޑުކުރާ މަޝްރޫއެކެވެ. އެ މަޝްރޫއަށް 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް