މަހްލޫފަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމޭނީ އަންނަ ހަފްތާގައި

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތުކުރާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައިގައި ދައުވާކުރުމާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް...

29 Jun 2021 | 08:13

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތުކުރާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައިގައި ދައުވާކުރުމާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝާފިފު މީޑިއާގައި ވިދާޅުވި އެ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރަމުން އަންނަކަމަށެވެ. އަދި އަންނަ ހަފްތާ ނިމެންވާއިރަށް އެ މައްސަލައިގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާނެކަމަށް ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮނުވި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުރިހަމަ ކުރަން ބުނި ކަންކަން އެސީސީ އިން ވަނީ މިހާރު ފުރިހަމަ ކޮށްފައެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާކުރުމަށް އޭސީސީއިން ފޮނުވާފައި ވަނިކޮށް އެ މައްސަލަ ނުބަލާ ޕީޖީއިން މައްސަލަ އަނބުރާ ފޮނުވާލިކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރިއެވެ. ނަމަވެސް މައްސަލަ އަނބުރާ ފޮނުވާލާފައި ނުވާކަން ކަށަވަރުކޮށްދެއްވައި ޕީޖީ އިން އޭރު ބުނީ މައްސަލަ އަނބުރާ ފޮނުވައި ނުލާ ކަަމަށާއި، ބައެއް ލިޔެކިޔުންތައް ފަދަ ކަންކަން ފުރިހަމަ ކުރުމަށް އޭސީސީއަށް އަންގާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު މިއަދުވިދާޅުވީ މަހްލޫފުގެ މައްސަލައިގެ ފުރިހަމަކުރަންޖެހޭ ޑޮކިއުމެންޓްތައް މިހާރު އޭސީސީއިން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެތަކެތި ދިރާސާކުރުމަށްފަހު އެ މައްސަލައިގައި ގޮތެއް ނިންމާނެކަމަށް ވިދާޅުވިއެވެ.

މަހުލޫފުގެ މައްޗަށް ދައުވާކުރަން ފޮނުވިކަން ހާމަކޮށް މީގެ ކުރިން އޭސީސީއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވި އިރު އޭރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު މަހުލޫފަށް ދީފައިވާކަން ތަހުގީގަށް ހާމަވާ ކަމަށެވެ.

އޭސީސީއިން ބުނެފައިވަނީ އެސްއީޒީ ބިލު ފާސްކުރުމަށް ވޯޓު ދިނުމަށް 27 އޮގަސްޓު 2014 ގައި މަހުލޫފު މަޖިލީހަށް ހާޒިރުވެފައިވަނީ މެލޭޝިއާއިން ސީދާ ވޯޓަށް ކަމަށާއި އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަންވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް