ހުކުރު ދުވަހުގެ ކުރިން ޖަމާއަތުގައި ނަމާދު ކުރަން ފަށަނީ

އަންނަ ހުކުރު ދުވަހުގެ ކުރިން ޖަމާއަތުގައި ނަމާދު ކުރަން ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޮސްވެ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމ...

29 Jun 2021 | 07:45

އަންނަ ހުކުރު ދުވަހުގެ ކުރިން ޖަމާއަތުގައި ނަމާދު ކުރަން ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޮސްވެ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައި މިސްކިތްތައް ބަންދު ކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެކަމަކު މިމަހުގެ މެދު ތެރޭގައި ވަނީ ޖަމާއަތް ނުހަދާ މިސްކިތްތަކުގައި ވަކިން ނަމާދު ކުރުމުގެ ހުއްދަ ދީފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މީޑިއާގައި ވިދާޅުވީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމުގެ މަޝްވަރާތައް މިހާޜުވެސް ކުރިޔަށް ދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ މާދަނާ ނުުވަތަ އަނެއް ދުވަހު ޖަމާއަތުގައި ނަމާދު ކުރަން ފެށުމަށް ކަމަށެވެ.

އަދި ޔަގީން ކަމާއި އެކު އަންނަ ހުކުރު ދުވަހުގެ ކުރިން މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރަން ފަށާނެ ކަމަށް ވިދާޅުވެފައިވެ އެވެ. މިނިސްޓަރު ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރަން ފެށިޔަސ ނަމާދު ކުރާނީ ގައިދުރުކަން ބަހައްޓައިގެން ކަމަށެވެ.

މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށް ހުކުރު ކުރުން މަނާ ކޮށްފައި އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒު ވަމުންނެވެ. އެކަމަކު މިކަމުގައި ސަރުކާރުން ބުނަމުންދަނީ ކޯވިޑް ފިޔަވަޅުތަކަށް އެންމެ ފުރަތަމަ ދޭ ލުޔަކީ ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނުން ކަމަށް ވާނެ ކަމަށެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މަނާ ކޮށްފައިވަނިކޮށް މިދިޔަ ހުކުރު ދުވަހު ވަނީ މާލެ އާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ހުތުބާކިޔައި ހުކުރު ކޮށްފައި އެވެ. އެކަމަކު ފުލުހުން އެކަމާއި އަޅާލާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް