މާލެ ސަރަހައްދުގެ އޮފީސްތައް ބަންދުކޮށްފައި ހުންނަ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލް ޖުމްހޫރިއްޔާ ނިންމަވާފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރު ކުރުމަށް ކަމަށެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މި މުއްދަތުގައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާވުމަށާއި، އެ އެޖެންސީގެ އެންގުންތަކަށް ފުރިހަމަ އަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރަން އިލްތިމާސް ކުރާ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށް ރައީސް އެދިވަޑައިގެންނަވާ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ބަޔާނުގައިވެ އެވެ.
މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި ނަމަވެސް މިއީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫން ކަމަށް ބުނެ އެވެ.
އޮފީސްތައް ބަންދުކޮށް ގިނަ ފިޔަވަޅުތަކެއް އެޅުމުން ކޯވިޑްގެ ކޭސްތައް މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް