ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކަރ" ޕްރޮގްރާމްގެ 3 ވަނަ އެޕިސޯޑް ޖުލައި މަހުގެ 5 ވަނަ ދުވަހު ބޭއްވެވުމަށް ނިންމަވައިފިއެވެ.
ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަވާ، "އާސްކް ސްޕީކަރ" ޕްރޮގްރާމް އޮންނާނީ 5 ޖުލައި 2021ވާ ހޯމަ ދުވަހުގެ ރޭގަނޑު 9:00ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.
މި ޕްރޮގްރާމުގެ ކުރިން ކުރިއަށްގެންގޮސްފައިވަނީ ކޮންމެވެސް ވަރަކަށް އާއްމުންނަށް ސްޓޫޑިއޯއަށް ވަނުމުގެ ފުރުޞަތުދީގެންނެވެ. އެހެންނަމަވެސް މި ފަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފަވަނީ ވަރޗުއަލްކޮށެވެ. އަދި "ކްލަބް ހައުސް" އެޕްލިކޭޝަން މެދުވެރިކޮށް ލައިވްކޮށް ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބިވަޑައިގަންނަވާނެކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.
މި ޕްރޮގްރާމް ރާއްޖޭގެ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެނިވަޑައިގަންނަވާނެއެވެ. އަދި މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާ ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެގޮތް ވަނީ ހަމަޖައްސާފައެވެ. އަދި ޕްރޮގްރާމުގައި ލައިވްކޮށް ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓުކުރެއްވުމުގެ ފުރުޞަތުވެސް މަޖިލިސް އިދާރާއިން ވަނީ ހުޅުވާލާފައެވެ.
ސުވާލުކުރައްވާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންފުޅުވާ ސުވާލު ފޮނުއްވާނީ 05 ޖުލައި 2021 ވާ ހޯމަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށެވެ.
މީގެ އިތުރުން، ކްލަބް ހައުސް މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ފަރާތެއްގެ ނަން އަދި ކްލަބް ހައުސް އެކައުންޓުގެ ނަން މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރަށް ފޮނުއްވުމަށް މަޖިލިސް އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރައްވާއިރު AskSpeaker# ބޭނުންކުރެއްވުމަށްވެސް އެ އިދާރާއިން އެދިވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް